ޚަބަރު

ރާބިޠާގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެ ވަޑައިގެންފި

ރިފާ ހަލީލު

ރާބިޠަތުލް އަލަމިލް އިސްލާމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޝައިހް ޑރ. މުހައްމަދު ބިން އަބްދުލްކަރީމް އަލްއީސާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރޭ ރާއްޖެ ވަޑައިގެންފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސެކްރެޓަރީ ޖެނެރަލް ޝައިހް ޑރ. އަލް-އިސާއަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި، ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.

ސެކްރެޓަރީ ޖެނެރަލް، ޑރ. އަލް-އީސާގެ މި ދަތުރުފުޅުގައި، ރައީސް ސޯލިހާއި، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ބައްދަލުކުރައްވާނެ އެވެ. އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާ ބައްދަލު ކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މުސްލިމް ވޯލްޑް ލީގް ނުވަތަ ރާބިޠަތުލް އާލަމިލް އިސްލާމިއްޔާއަކީ ސައޫދީ އަރަބިއްޔާގެ މައްކާގައި 1962 ވަނަ އަހަރު އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާއަކީ އިސްލާމްދީނުގެ ހަގީގީ އަދި މެދުމިނުގެ އުސޫލުތައް ސާފުކޮށްދީ، ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. ދިވެހިރާއްޖޭގައިވެސް އެޖަމިއްޔާގެ ގިނަ ހަރަކާތްތަކެއް ހިންގާފައިވެ އެވެ.