މާލޭގެ އަންހެނުންގެ ކޮމިޓީގެ މެމްބަރުން އޮފީސް ތެރޭގައި ތިއްބައި ބޭރުން ތަޅުލެވުނީ އޮޅިގެން ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ އަންހެނުންގެ ކޮމިޓީ މެމްބަރުން މިއަދު ބައްދަލުވުމެއްގައި ތިއްބައި ކައުންސިލުގެ މުވައްޒަފުން ވަނީ ބައްދަލުވުން ދިޔަ ކޮޓަރި ބޭރުން ތަޅުލައިފައެވެ.

އެކަމާ ގުޅިގެން އަންހެނުންގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޝަހޫ ރިޒާ ފޭސްބުކުގައި ވިދާޅުވީ މާލޭ ސިޓީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން މަންޗަންގޮޅި ކައުންސިލު އޮފީހުގައި ބައްދަލުވުމެއްގައި ތިއްބައި ބޭރުން ތަޅުލާފައިވާ ކަމަށެވެ. އަދި ވަރަށް ގިނައިރު ވަންދެން ކައުންސިލުގައި މަސައްކަތް ކުރާ މީހުންނަށް ފޯނުން ގުޅަން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގުރާމްގައި މިރޭ ޑރ. މުއިއްޒު ވިދާޅުވީ ބައްދަލުވުން ކުރިއަށް ދަނިކޮށް ދޮރު ތަޅުލެވިފައި ވަނީ ކައުންސިލުގެ މުވައްޒަފުން ބަލަންޖެހޭ ވަރަށް ނުބެލުމުން ކަމަށެވެ.

މުއިއްޒު ވިދާޅުވީ މައްޗަންގޮޅި އޮފީހުގައި މިއަދު އެ ބައްދަލުވުން ކުރިއަށްދިޔަކަން އެތަނުގެ ދެ މުވައްޒަފުންނަށް ނޭނގޭ ކަމަށާއި އަދި ބައްދަލުވުން ކުރިއަށް ދިޔައީ ނުރަސްމީ ގަޑިއަކަށްވެފައި، އަދި އެ ބައްދަލުވުން ބާއްވާކަން އެ މުވައްޒަފުންނަށް އަންގާފައި ނުވާތީ، ކޮޓަރިތަކުގެ އެތެރޭގައި މީހުން ތިބިތޯ ނުބަލައި ތަޅުލާފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ކޮޓަރިތައް ތަޅުލުމުގެ ކުރިން މީހަކު ހުރިތޯ ބަލަން ޖެހޭނެ ކަމަށާއި އެ ހާދިސާއަކީ ހިނގައިގެންވާނެ ހާދިސާއެއް ނޫން ކަމަށެވެ.

އަންހެނުންގެ ކޮމިޓީއަށް ކައުންސިލުން އެއްބާރުލުންނުދޭ ވާހަކަތަކާ ގުޅިގެން މުއިއްޒު ވިދާޅުވީ އެ ކޮމިޓީއަށް އެއްބާރުލުން ދިނުމުގެ ގޮތުން ކައުންސިލުން ވަރަށް ގިނަ ކަންތައްތައް ކޮށްދީފައިވާނެ ކަމަށެވެ.

އެގޮތުން އެ ކައުންސިލުގައި މަސައްކަތްކުރާ ކައުންސިލަރުންނަށް ވަކިން މަސައްކަތް ކުރާނެ ތަނެއް ނެތްއިރު ވެސް އަންހެނުން ކޮމިޓީގެ މެމްބަރުން މަސައްކަތް ކުރަން ތަނެއް ކައުންސިލުން ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

ކައުންސިލުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު މަދުއިރު ވެސް އެ ކޮމިޓީގެ މަސައްކަތްތަކަށް ދެ މުވައްޒަފުން ދޫކޮށްފައިވާނެ ކަމަށެވެ. އެ ދެ މުވައްޒަފުން ހާއްސަ ކޮށްފައިވަނީ ހަމައެކަނި އެކޮމިޓީގެ މަސައްކަތްތަކަށް ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އަންހެނުންގެ ކޮމިޓީން މާލޭ ސިޓީ ކައުންސިލުގެ އަގުވައްޓައިލަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތަށް އެ ކޮމިޓީން މަސައްކަތް ކުރަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ސަރުކާރާ ގުޅުންހުރި އެމްޑީޕީގެ މަތީ ފަރާތަކުން އަންގައިގެން ކަމަށް މުއިއްޒު ވަނީ ތުހުމަތު ކުރައްވައިފައެވެ.