މިއަހަރުގެ ތެރޭގައި 13 ރަށެއްގައި އައިސް ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ސަރުކާރުން ފަށާނެ ކަމަށް ސަރުކާރުގެ މަސްކުންފުނި، މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ފައުޒީ ރޭ ވިދާޅުވީ، މިފްކޯގެ އައިހުގެ ކެޕޭސިޓީ ދުވާލަކަށް 825 ޓަނުގައި މިހާރުވެސް އެބަހުރި ކަމަށާއި ނަމަވެސް އެއީ މި ޖީލުގެ މަސް ދޯނިތަކުން ބާނާ މަހާ އަޅައިބަލާއިރު މަދު އަދަދެއް ކަމަށެވެ. އެގޮތުން ކޮންމެ ދެ ޓަނު މަހަކަށް އެއް ޓަނު އައިސް ބޭނުންވާ ކަމަށާއި ދުވާލަކަށް 700 ޓަނާ ހަމައަށް މަސް ބާނާނަމަ އައިހުގެ ދަތިކަން އެބަހުރި ކަމަށެވެ.

ފައުޒީ ވިދާޅުވީ އައިހުގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުގެ ޕްލޭންތައް އެބަހުރި ކަމަށާއި އެގޮތުން މިހާރުވެސް އެކި މަރުހަލާތަކުގައި ބައެއް އައިސްޕްލާންޓްތަކުގެ މަސައްކަތް ފެށިފައި އެބަހުރި ކަމަށެވެ.

"އިތުރު 13 އައިސްޕްލާންޓެއްގެ މަސައްކަތް ސަރުކާރުން އެބަ ފަށަން. އޭގެ އިތުރުން އާރްއެސްޑަބްލިޔުގެ ވާހަކަވެސް ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވި." ފައުޒީ ވިދާޅުވިއެެވެ.

ފައުޒީ ވިދާޅުވީ، މިދިޔަ އަހަރު މިފްކޯއިން އެކަނިވެސް ހަތަރު އައިސް ޕްލާންޓެއްގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން ފ. ފީއަލީ އައިސް ޕްލާންޓް އަންނަ މާޗު މަހުގެ މެދެއްހާ ހިސާބުގައި ނިމޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ފައުޒީ އިތުރަށް ވިދާޅުވީ، އައިސް ޕްލާންޓުތައް ހަދާނީ މަސްވެރި ސަރަހައްދުތަކަށް ހާއްސަ އިިސްކަމެއްދީގެން ކަމަށާއި އެކަން ކުރާނީ މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ ސަރަހައްދުތަކުގައި ކަމަށެވެ.