ޚަބަރު

އިންޑިއާ ވިޔަފާރިވެރިންނަށް ވިސާއާ ނުލައި ރާއްޖެ އެތެރެވެވޭ ގޮތް ހަދައިފި

އަލީ ޔާމިން

އިންޑިއާގެ ވިޔަފާރިވެރިންނަށް ވިސާއާ ނުލައި ރާއްޖެ އާދެވޭ ގޮތް ހަދައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިންޑިއާގެ ވިޔަފާރިވެރިންނަށް ރާއްޖެއަށް ވިސާއާ ނުލައި 90 ދުވަހުގެ މުއްދަތެއްގައި ރާއްޖޭގައި އުޅެވޭނެ ކަމަށެވެ.

އިންޑިއާ ވިޔަފާރިވެރިންނަށް ވިސާ ނުލައި ރާއްޖެ އެތެރެވޭ ގޮތް ހެދުމަކީ 2018 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު އިންޑިއާއާއި ރާއްޖެއާ ދެމެދު ވެވުނު ވިސާ އެއްބަސްވުމުގެ ބައެކެވެ.

ފޮރިން މިނިސްޓްރީން ބުނީ، ވިޔަފާރީގެ ބޭނުމަށް ރާއްޖެ އަންނަ އިންޑިއާގެ ރައްޔިތުންނަށް 180 ދުވަހާ ހަމައަށް ވިސާ އިތުރުކޮށްދޭނެ ކަމަށެވެ.

އިންޑިއާ ވިޔަފާރިވެރިންނަށް ވިސާއާ ނުލައި ރާއްޖެ އެތެރެވެވޭނެ ގޮތް ހަދާފައިވާ އިރު، ބިޒްނަސް ވިސާއާ ބެހޭ ގަވައިދު އިކޮނޮމިކް މިނިސްޓްރީން މިފަހުން ވަނީ އިސްލާހުކޮށްފައެވެ. އެގޮތުން އެ އިސްލާހާއެކު ކޮންމެ އަހަރަކު ބިޒްނަސް ވިސާ ދޫކުރެވޭނީ ކޮންމެ އަހަރެއްގެ 180 ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެ މަތިން، ފަހަރަކު 30 ދުވަހާއި 90 ދުވަހާ ދެމެދުގެ މުއްދަތަކަށެވެ.

ބިޒްނަސް ވިސާއަށް އެދި ހުށަހަޅަން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް http://business.egov.mv މެދުވެރިކޮށް އެކަނި ކަމަށް ކަނޑައަޅައި، މިދިޔަ އޮގަސްޓް މަހު އިކޮނިމިކް މިނިސްޓްރީން ގަވާއިދަށް ބަދަލުު ގެނެސްފައިވާ އިރު، ބިޒްނަސް ވިސާގެ ފީގެ ގޮތުގައި 750 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.