ޚަބަރު

ހުޅުމާލޭ ކަންނެލި ޖެޓީގައި މަސްވެރިންނަށް ހާއްސަ މައިޒާނެއް ހުޅުވައިފި

އަލީ ޔާމިން

ހުޅުމާލޭ ކަންނެލި ޖެޓީގައި މަސްވެރިންނަށް ހާއްސަކޮށްގެން މައިޒާނެއް ހުޅުވައިފިއެވެ.

ކަންނެލި ޖެޓީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެ މައިޒާން ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމެވެ. އެ މައިޒާނަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތަރައްގީކުރި ތަނެކެވެ.

އެ މައިޒާނުގައި މަސްވެރިންނަށް ތިބެވޭނެ ގޮތަށް ޖޯއްޔާއި ގޮނޑި، މޭޒު ވަނީ ޖަހައިފައެވެ. އަދި އެތަނުގައި ވަނީ ކާތަކެތި ލިބޭނެ "ޓަކް ޝޮޕް" ނުވަތަ ކުޑަ ފިހާރައެއްވެސް ގާއިމުކޮށްފައެވެ. އެ މައިޒާނުގައި، ދެ ފާހާނާވެސް ހަދާފައިވެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޝުހައިލް އަހުމަދު ވިދާޅުވީ، ކަންނެލި ޖެޓީގައި ތަރައްގީކުރި މައިޒާނަކީ މަސްވެރިންނަށް ލުއިފަސޭހަކޮށްދިނުމަށް ގާއިމުކުރި ތަނެއް ކަމަށާއި އެޗްޑީސީން ރާވާފައި އޮތީ މިހާރަށްވުރެވެސް ފުރިހަމައަށް އެތަން ތަރައްގީކުރުމަށް ކަމަށެވެ.

"މި ސަރަހައްދަކީ މިއަަށްވުރެ ފުރިހަމަކޮށް، މަސް މާރުކޭޓަކާއި ހޮޓަލަކާއި ޓީ ރޫމްސްގެ ހިމެނޭ ގޮތަށް އިމާރާތްކުރަން ހަމަޖެހިފައިވާ ތަނެއް. ނަމަވެސް މި ދުވަސްކޮޅު ބައެއް އުޒުރުތައް ހުރުމާ އެއްކޮށް އެ މަސައްކަތް އަދި ނުފެށިވާތީ އަޅުގަނޑުމެން ގަސްތުކުރީ ވަގުތީ ގޮތުން މިފަދަ ހިދުމަތެއް ފޯރުކޮށްދޭން،" ޝުހައިލް ވިދާޅުވިއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، މަސްވެރިންގެ މައިޒާނެއް ހުޅުވުމަކީ ކުރަން ލަސްވެފައި އޮތް ކަމެއް ކަމަށާއި މި ސަރުކާރުން މަސްވެރިންނަށް ލުއި ގޮތްތައް ހޯދައިދޭން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތަކީ ކޮންމެ ހާލަތެއްގައިވެސް ކުރިއަށްގެންދެވޭނެ ސިނާއަތެއް ކަމަށާއި ކޮވިޑުގެ ދަތި އުނދަގޫ ހާލަތުގައިވެސް ގައުމު ކޮޅަށް ޖަހައިދިނުމުގައި މަސްވެރިކަން ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.