މިދިޔަ ބުރާސްފަތި ދުވަހު، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ޖަލްސާ ބާއްވާފައިވާ އިރު، ފަނޑިޔާރުންނަށް ވިހެއުމުގެ ޗުއްޓީ ލިބޭގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރުމަށް އެޖެންޑާކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ ފުރަތަމަ ކަމަކަށް އެޖެންޑާ ކޮށްފައި ވަނީ، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް، އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ބެހޭ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.
އޭގެ ފަހުން ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ)ގެ "ޓްރޭޑް ރިލޭޓަޑް އެސްޕެކްޓްސް އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް (ޓްރިޕްސް)" ގެ އެއްބަސްވުމަށް ބަދަލު ގެނައުމަަށްޓަކައި އެކުލަވާލާފައިވާ ޕްރޮޓޮކޯލް، "ޕްރޮޓޮކޯލް އެމެންޑިން ދަ ޓްރިޕްސް އެގްރީމެންޓް" ރާއްޖެއިން ބަލައިގަނެ ތަސްދީގުކުރުމާ މެދު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.
އެއަށްފަހު މާދަމާގެ ޖަލްސާގެ އިބްތިދާއީ ބަހުސްގެ ގޮތުގައި އެޖެންޑާ ކޮށްފައިވަނީ ހަމައެކަނި، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާގެ މެންބަރު އަބުދުﷲ ޝަހީމް އަބްދުލްހަކީމު ހުށަހަޅުއްވާފައިވާ ބިލުގެ ބަހުސް ކުރިއަށްގެންދިއުމެވެ.
މި ބިލަކީ ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ފަނޑިޔާރުންނަށް ލިބިދެވޭ ޗުއްޓީއަކީ އެކަށީގެންވާ މުއްދަތަކަށް ލިބިދެވޭ ޗުއްޓީއެއް ކަމަށް ކަނޑައެޅުމަށް ހުށަހަޅާފައިވާ ބިލެކެވެ.
މި ބިލުގައި ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ޗުއްޓީގެ ގޮތުގައި އަންހެން ފަނޑިޔާރުންނަށް ހަ މަސް ދުވަސް އަދި ފިރިހެން ފަނޑިޔާރުންނަށް އެއް މަސް ދުވަސް، މުސާރަ ލިބޭ ޗުއްޓީގެ ގޮތުގައި ގާނޫނުގައި ކަނޑައަޅަން ވަނީ ހިމަނައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު