އައްޑު އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިދިޔަ މަހުގެ 23 ވަނަ ދުވަހު ސިޒޭރިއަން ހެދުމުގެ ތެރޭގައި ގޮހޮރު ކަފައިގެންގޮސް، އަންހެނަކު މަރާ ހަނގުރާމަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މި މައްސަލަ ގާތުން ބައްލަވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ސިޒޭރިއަން ހެދުމުގެ ތެރޭގައި ގޮހޮރު ބުރިވެ އައްޑު އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އިހުމާލުން ހާލު ސީރިއަސްވެ އޭޑީކޭ އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ އައްޑޫ ސިޓީ މަރަދޫއަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ ނަސްރީނާ މުހައްމަދަށެވެ.
ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ނަސްރީނާގެ ހާލު ބައްލަވައިލެއްވުމަށް އާއިލާއަށް ފޯނުން ގުޅުއްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ނަސްރީނާއަށް ދިމާވި ކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މި ހާދިސާ ހިނގި ގޮތާއި މައްސަލަ ވަރަށް ގާތުން ބައްލަވާނެ ކަމަށެވެ.
އާއިލާގެ ފަރާތުން "ވަން" އާ ވާހަކަ ދެއްކި ނަސްރީނާގެ ކޮއްކޮއަކު ބުނީ ފައިސަލް ނަސީމްގެ ފޯނު ކޯލުން މި މައްސަލައިގައި އިންސާފު ލިބޭނެ ކަމުގެ އުއްމީދު އާވެއްޖެ ކަމަށެވެ. އަދި ހެލްތު މިނިސްޓްރީންވެސް މި މައްސަލަ ބަލަމުން އަންނަ ކަމަށް އަންގާފައިވާ ކަމަށާއި އެހެންކަމުން ބޭނުންވަނީ ވީހާވެސް އަވަހަކަށް އިންސާފު ލިބުން ކަމަށް އޭނާ ބުންޏެއެވެ.
ނަސްރީނާގެ ކޮއްކޮ ބުނީ ހޮސްޕިޓަލަށް ދައްކަން ޖެހޭ ބިލްތައް އާސަންދައާއި އެންސްޕާ މެދުވެރިކޮށް ދެއްކޭނެ ގޮތް ނައިބު ރައީސް ފައިސަލް ނަސީމް މިހާރު ހައްދަވައި ދެއްވާފައިވާ ކަމަށެވެ.
"އަސްލު ބިލްތަކާ ފައިސާއެއް ނޫން އެންމެ މުހިންމީ. އިންސާފު ބޭނުންވަނީ. އެކަމަކު ނައިބު ރައީސް މިކަން ކޮށްދެއްވީތީ ޝުކުރުވެރިވަން. އައްޑޫ ހޮސްޕިޓަލުގައި މިކަމުގައި ޝާމިލުވާ ޑޮކްޓަރުންނަށް ފިޔަވަޅު އަޅަން ބޭނުންވަނީ. ދެން ދެވަނަ މީހަކު މިފަދަ އިހުމާލެއްގެ ސަބަބުން މަރާ ހަނގުރާމަ ކުރަން ބޭނުމެއް ނޫން. އުއްމީދު މިކުރަނީ ދައްތަ (ނަސްރީނާ) އަށް އިންސާފު ލިބުން." އޭނާ ބުންޏެވެ.
އަލަތު އަންހެން ދަރިފުޅަށް ބަލިވެ އިން ނަސްރީނާ ބަނޑުގައި ރިއްސާތީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. ޖެހިގެން އައި ދުވަހު ސިޒޭރިއަން ހެއްދުމަށްފަހު ދެމައިންގެ ހާލުވެސް ރަނގަޅުކަމަށް ޑޮކްޓަރުން އާއިލާއަށް އެންގި ކަމަށާއި އަދި ވޯޑަށް ދެމައިންވެސް ބަދަލުކުރި ކަމަށް އާއިލާއިން ވަން އަށް ބުނެފައިވެއެވެ.
އެކަމަކު ވޯޑަށް ބަދަލު ކުރިފަހުން ނަސްރީނާއަށް ނޭވާލާން އުދަނގޫވި އެވެ. އާއިލާއިން އެކަން ނަރުހުންނާއި ޑޮކްޓަރުންނަށް އެންގުމުން އެއީ ނުނިދޭތީ ވާ ގޮތެއް ކަމަށް ބުނި ކަމަށާއި އަދި ނިންދަވަން ބޭއްވުމަށް އެންގި ކަމަށް އާއިލާގެ ފަރާތުން ވާހަކަ ދެއްކި ނަސްރީނާގެ ކޮއްކޮ ނާއިފާ ބުންޏެވެ.
ނަމަވެސް އެއްގޮތަކަށްވެސް ފާހާނާ ނުކުރެވޭތީ ބަނޑަށް ވަރަށް ބޮޑަށް އުނދަގޫ ވެ އެކަން ނަރުހުންގެ ސަމާލުކަމަށް ގެނައުމުން އެއީ ގޭސްޓްރިކް މައްސަލައެއް ކަމަށް ނިންމައި އެކަމަށް ބޭސް ދިން ކަމަށް އޭނާ ބުންޏެވެ. އަދި އެވަރުންވެސް ރަނގަޅު ނުވެ ސްކޭނެއް ހެދުމަށްފަހު އޮކްސިޖަން ދަށްވާތީ އައިސީޔޫ އަށް ލީ ކަމަށް އެނާ ބުންޏެވެ.
އައިސީޔޫގައި ތިން ދުވަސް ބޭއްވުމަށްފަހު ވޯޑަށް ބަދަލު ކުރި އިރުވެސް ނަސްރީނާއަށް ރަނގަޅަށް ނެވާ ނުލެވޭ ކަމަށް އޭނާ ބުންޏެވެ.
އޭގެ ފަހުންވެސް ހާލަތަކަށް ބަދަލެއް ނައުމުން އެ ހޮސްޕިޓަލުން ނެރެގެން މާލެ ގެނައި ކަމަށާއި މާލެ ގެނައުމުން އެނގުނީ ގޮހޮރު ވީދި ހަލާކުވެ އެތެރެ ހައްޓަށް ނަޖިސް ބޭރުވެފައިވާކަން ކަމަށް ވެސް އާއިލާއިން ބުންޏެވެ. އޭރު ފުއްޕާމޭގައި ފެން ހެދި އޯވަރީ އާއި ކިޑުނީއަށްވެސް އަސަރުކޮށް އިންފެކްޓްވެފައިވާ ކަމަށްވެސް އާއިލާއިން ބުންޏެވެ.
ނަސްރީނާގެ އޮޕަރޭޝަނެއްކޮށް ގޮހޮރުގެ ބައެއް މިހާރު ވަނީ ބުރިކޮށްލައިފަ އެވެ. ނަމަވެސް އޭނާގެ ހާލު އަދިވެސް ކްރިޓިކަލް ކަމަށް އާއިލާއިން ބުންޏެވެ.
ހެލްތު މިނިސްޓްރީން ބުނީ، މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އެޅޭނީ މައްސަލަ ތަހުގީގުކޮށް ނިމުމުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު