އޮލިއާ ޖިރޫޑު ތިން މިނެޓު ތެރޭގައި ޖެހި ދެ ގޯލާއެކު އިންޓަ މިލާން ބަލިކޮށް، އޭސީ މިލާނުން މިލާން ޑާބީ ކާމިޔާބު ކޮށްފިއެވެ.

ރޭ ސަންސީރޯ ސްޓޭޑިއަމްގައި ކުޅުނު މެޗު އޭސީން ފަހަތުން އަރައި ކާމިޔާބުކުރީ 2-1 ގެ ނަތީޖާ އަކުންނެވެ. ރޭގެ މެޗުން މޮޅުވެ އޭސީން ވަނީ ތާވަލުގެ އެއްވަނައިގައި އޮތް އިންޓައާ ޕޮއިންޓެއް ގާތަށް ޖެހިލައިފިއެވެ. އިންޓައަށް މިހާތަނަށް ލީގުގައި ކުޅުނު 23 މެޗުން 53 ޕޮއިންޓް ލިބިފައިވާ އިރު، އޭސީ މިލާން ދެވަނައިގައި އޮތީ 24 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ.

އެންމެފަހުގެ ލީގު ޗެމްޕިއަން އިންޓައިން މެޗުގެ ކޮންޓްރޯލް އަތުލީ 38 ވަނަ މިނެޓުގައި ލީޑު ނަގައިގެންނެވެ. އިންޓައިން ހާފު ނިމެން އުޅެނިކޮށް ލީޑު ނެގީ ހަކާން ޗަލަނޮގްލޫގެ ކޯނަރަކުން އިވާން ޕެރިސިޗް ޖެހި ވޮލީގައެވެ. އެ ގޯލާއެކު އިންޓައިން ލީޑުގައި ހާފު ނިންމާލި އިރު، އޭސީ މިލާނުން މެޗު އަނބުރާލީ މެޗުގެ 75 ވަނަ މިނެޓާއި 78 ވަނަ މިނެޓުގައި ގޯލު ޖަހައިގެންނެވެ.

އުމުރުން 35 އަހަރުގެ ޖިރޫޑު ޖެހި ފުރަތަމަ ގޯލަކީ ބްރަހީމް ޑިއާޒް ޖެހި ބޯޅަ އިންޓަ ގޯލްކީޕަރު އަތުގައި ޖެހިފައި ނުކުތް ބޯޅައެއްގެ ރީބައުންސުން ޖެހި ގޯލެކެވެ. އޭގެ އިރުކޮޅެއް ފަހުން ދެވަނަ ގޯލު ޖިރޫޑު ޖެހި ޑޭވިޑް ކަލަބްރިއާ ދިން ޕާހެއް އޭރިއާ ތެރެއިން ހޯދައި، ވަރަށް ރީތި އެނބުރިލުމަކާ އެކުގައެވެ.

މެޗުގެ ފަހުކޮޅުގައި އޭސީ މިލާންގެ ތިއޯ ހެނާންޑޭޒް އަށް ވަނީ ރެފްރީ ރަތް ކާޑު ދައްކައިފައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ޓެކުލެއް ޖެހި ގޮތުންނެވެ.

އޭސީ މިލާނުން 2010-11 ވަނަ އަހަރުގެ ސެރެއާ ހޯދި ނަމަވެސް އޭގެ ފަހުން އަދި ތަށްޓެއް ލިބިފައެއް ނުވެއެވެ. އެޓީމުން މިހާރު މަސައްކަތް ކުރަމުންދަނީ އެކަމަށް ނިމުން ގެނައުމަށެވެ.