ޚަބަރު

21 މިލިއަން ރުފިޔާގެ ކޮކެއިންއާއެކު 2 މީހަކު ހައްޔަރުކޮށްފި

މުހައްމަދު ޖަމްޝަތް ވަހީދު

ހުކުރު ދުވަހު ވައިގެ މަގުން ރާއްޖެ އައި ބްރެޒިލްގެ ދެ މީހެއްގެ އަތުން 21 މިލިއަން ރުފިޔާގެ ކޮކެއިން، މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ބްރެޒިލް އިން ރާއްޖެ އައި އުމުރުން 21 އަހަރުގެ ބްރެޒިލް ފިރިހެނަކާއި، އުމުރުން 23 އަހަރުގެ ބްރެޒިލް އަންހެނެއްގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން އެމީހުންގެ ލަގެޖް އިތުރަށް ބަލައި ފާސްކުރިއިރު އެ ދެމީހުންގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިފައި ވާ ކަމަށެވެ.

ފެނުނު ތަކެތި ކަސްޓަމްސް އިން ފުރަތަމަ މަރުހަލާގައި ޓެސްޓްކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި 21 އަހަރުގެ ފިރިހެން މީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1.760 ކިލޯގުރާމް ހުރި އިރު، 23 އަހަރުގެ އަންހެން މީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނުގައި 2.503 ކިލޯގުރާމް ހުރިކަމަށެވެ.

ކަސްޓަމްސް އިން ބުނީ އެ ދެމީހުން އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނުގައި 4.263 ކިލޯގުރާމް ހުރި އިރު އެތަކެތީގެ މަގުމަތީ އަގު 21،315،000.00 (އެކާވީސް މިލިއަން ތިންސަތޭކަ ފަނަރަ ހާސް) ރުފިޔާއަށް އަރާކަމަށެވެ. މިމައްސަލަތަކުގަައި ޝާމިލުވާ ދެމީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް ވައިގެ މަގުން ބްރެޒިލް އިން ރާއްޖެ އައި ދެމީހެއްގެ އަތުން 18 ކިލޯގެ ކޮކެއިން އަތުލައިގެންފައިވާއިރު އެތަކެތީގެ އަގު 94 މިިލިއަނަށް އަރައެވެ. އަދި ހަމަ އެ އަހަރުގެ އޮގަސްޓު މަހުގައި ބްރެޒިލުން އައި އަންހެނެއްގެ އަތުން 16 ކިލޯގެ ކޮކެއިން އަތުލައިގެންފައިވާއިރު އެތަކެތީގެ އަގު 80 މިލިއަން ރުފިޔާއަށް އަރައެވެ. މީގެ އިތުރުންވެސް މިދިޔަ އަހަރުގެ އޮގަސްޓް މަހު ބްރެޒިލުން އައި އަންހެނެއްގެ އަތުން 15 މިިލިއަން ރުފިޔާގެ ކޮކެއިން ވަނީ އަތުލައިގެންފައެވެ.