މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާ ގަބޫލު ނުކުރާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްއެންޕީ އާއި ޕީޕީއެމްގެ ކެންޑިޑޭޓާ ވާދަކޮށް ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދު (ރާޑޯ) އެވެ.
އިދިކޮޅު ޕީޕީއެމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ ނަތީޖާއިން އެމްޑީޕީ މޮޅުނުވާ ކަމަށާއި އެ ނަތީޖާއިން އެމްޑީޕީ ބަލިވެފައިވާ ކަމަށެވެ. އެގޮތުން މުޅި ދައުލަތް އެކުގައި ކުރި މަސައްކަތުން އެންމެ 200 އެއްހާ ވޯޓުގެ ފަރަގަކީ ކާމިޔާބީއެއް ނޫން ކަމުގައި ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ، ސަރުކާރުން އިންތިހާބަށް އެތައް ނުފޫޒެއް ފޯރުވާފައިވާ ކަމަށާއި އެގޮތުން އެ ދާއިރާގެ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ދިވެހި ދައުލަތުގެ އާމްދަނީއާ ނުބައްދަލު ހަރަދުތައް ކޮށްފައިވާ ކަމަށެވެ.
"މިވަރަށް ނުފޫޒު ފޯރުވާފައި އޮތް އިންތިހާބެއްގެ ނަތީޖާ އަޅުގަނޑުމެން ގަބޫލެއް ނުކުރަން. މިއީ ނުފޫޒުން ފުރިފައިވާ އިންތިހާބެއް،" ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ، އިންތިހާބާ ގުޅޭ މައްސަލަތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ އިންތިހާބު ކުޑަ ފަރަގަކުން އެމްޑީޕީއަށް ކާމިޔާބު ކުރެވުމަކީ ރައްޔިތުން އިންޑިއާ އައުޓް ކެމްޕެއިނަށް ނޫނެކޭ ބުނީ ނޫން ކަމަށާއި އިންތިހާބުގެ ނަތީޖާއިން އެނގިގެން ދިޔައީ އިންޑިއާ އައުޓް ކެމްޕެއިނަށް އޮތް ތާއީދު ބޮޑުކަން ކަމަށް ވެސް ވިދާޅުވިއެވެ.
ފޯރިގަދަ ކެމްޕޭނެކަށް ފަހު މިއަދުގެ އިންތިހާބު ރާޝިދު ކާމިޔާބުކުރެއްވީ އިންތިހާބަށް ބެހެއްޓުނު ހަތް ވޯޓު ފޮށިން ޖުމުލަ 1401 ވޯޓު ހޯއްދަވައިގެންނެވެ. ރާޝިދާ އެންމެ ގާތުން ވާދަކުރި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށް ލިބިފައިވަނީ ޖުމުލަ 1161 ވޯޓެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާނު އިދުރީސަށް ލިބިފައިވަނީ 324 ވޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު