އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދު (ރާޑޯ) ކާމިޔާބު ކުރެއްވުމަކީ، ގިނަ ޕާޓީތައް ގުޅިގެން އެކުގައި މަސައްކަތް ކުރާ ނިޒާމަށްވެސް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.
ރާޝިދުގެ ކާމިޔާބީއާ ގުޅިގެން އެމްޑީޕީގެ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު، މުހައްމަދު ޝިފާޒު ވިދާޅުވީ، އެމްޑީޕީ ވުޖޫދުވެގެން މިއަދާ ހަމައަށް އައީ ގިނަ ޕާޓީތައް އެކުލެވޭ ނިޒާމެއްގެ ތެރެއިން ކަމަށާއި ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ކުރިއެރުމަށް އެމްޑީޕީިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި މިނަތީޖާއަކީ އޭގެ ކާމިޔާބީއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"މިއީ ގިނަ ޕާޓީތައް އެކުލެވޭ ނިޒާމަކަށް އެމްޑީޕީން ކުރަމުން އަންނަ މަސައްކަތުގައި، ސުލްހަވެރި ސިޔާސީ ހަރަކާތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" ޝިފާޒު ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވީ، ޕާޓީތަކުގެ ތެރޭގައި އެއްބައިވަންތަކަމާއި އެކުވެރިކަން އެބައޮތް ކަމަށާއި ގިނަ ޕާޓީ އެކުލެވޭ ނިޒާމަށް ދިވެހިން ފަރިތަވަމުން އަންނަ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ ޖުމްހޫރީ ޕާޓީއާއި އަދާލަތުގެ އެހީއާއެކުކަން ފާހަގަކުރައްވައި ޝިފާޒް ވަނީ އެ ދެ ޕާޓީއަށް ޝުކުރު އަދާކުރައްވާފައެވެ.
ރާޝިދުގެ ކެމްޕެއިންގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތުގެ ޕާޓީގެ ލީޑަރު އައްޝައިހް އިމްރާން އަބްދުﷲ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. ނަމަވެސް، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމުން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކޮށްފައެއް ނުވެއެވެ.
ފޯރިގަދަ ކެމްޕޭނެކަށް ފަހު އިންތިހާބު ރާޝިދު ކާމިޔާބު ކުރެއްވީ އިންތިހާބަށް ބެހެއްޓުނު ހަތް ވޯޓު ފޮށިން ޖުމުލަ 1401 ވޯޓު ހޯއްދަވައިގެންނެވެ. ރާޝިދާ އެންމެ ގާތުން ވާދަކުރި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށް ލިބިފައިވަނީ ޖުމުލަ 1161 ވޯޓެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާނު އިދުރީސަށް ލިބިފައިވަނީ 324 ވޯޓެވެ.