ޚަބަރު

ޖެހި ހިސާބު ދިމާވެއްޖެ، އެމްޑީޕީ ދެމި އޮންނާނީ ނަތީޖާ ނެރޭ ޕާޓީއެއްގެ ގޮތުގައި: ނިޔާޒް

އަލީ ޔާމިން

1

މިއަދު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީން ޖެހި ހިސާބު ދިމާވެއްޖެ ކަމަށާއި އެމްޑީޕީ ދެންވެސް ދެމި އޮންނާނީ ނަތީޖާ ނެރޭ ޕާޓީއެއްގެ ގޮތުގައި ކަމަށް އެޕާޓީގެ ޗެއާޕާސަންގެ ނައިބު އަދި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް ބަލިކޮށް، ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީން ވާދަކުރި މުހައްމަދު ރާޝީދު (ރާޑޯ) ކާމިޔާބުކުރުމާ ގުޅިގެން، އެމްޑީޕީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާޝިދަށް މަރުހަބާ ވިދާޅުވެ، ނިޔާޒް ވިދާޅުވީ، އެމްޑީޕީއަކީ މާކުރިން މާ ބޮޑެތި ހިސާބުތައް ޖަހާ ޕާޓީއެއް ނޫން ކަމަށާއި އެމްޑީޕީން ޖަހާ ހިސާބެއް ވިއްޔާ ދިމާވާނެ ކަމަށެވެ. އެގޮތުން ކޮމަންޑޫ ދާއިރާއަށް ޖެހި ހިސާބުވެސް އެހުރީ އަކުރުން އަކުރަށް ފެންނަން ކަމުގައި ވިދާޅުވިއެެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައިވެސް އެމްޑީޕީ އޮންނާނީ އިންތިޒާމުވެގެން ކެމްޕޭން ކުރާ ބައެއްގެ ގޮތުގައި އަދި ނަތީޖާ ނެރޭ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ދެމި ތިބޭނަން،" ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ، އެމްޑީޕީގެ ކެމްޕޭން ކުރިއަށް ގެންދަނީ، ރޭވުންތެރިކަމާއެކު ކަމަށެވެ.

ފޯރިގަދަ ކެމްޕޭނެކަށް ފަހު މިއަދުގެ އިންތިހާބު ރާޝިދު ކާމިޔާބުކުރެއްވީ އިންތިހާބަށް ބެހެއްޓުނު ހަތް ވޯޓު ފޮށިން ޖުމުލަ 1401 ވޯޓު ހޯއްދަވައިގެންނެވެ. ރާޝިދާ އެންމެ ގާތުން ވާދަކުރި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށް ލިބިފައިވަނީ ޖުމުލަ 1161 ވޯޓެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާނު އިދުރީސަށް ލިބިފައިވަނީ 324 ވޯޓެވެ.