ސިޔާސީ

ކޮމަންޑޫ ބައި އިލެކްޝަން: އެމްޑީޕީން ވޯޓަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ދެ މައްސަލައެއް ހުށަހަޅައިފި

އިބްރާހިމް ޒަކީ

މިއަދު ހެނދުނުން ފެށީގެން ކުރިއަށްދާ، ރައްޔިތުންގެ މަޖިލީހުގެ ށ.ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި، ވޯޓަށް ނުފޫޒު ފޯރުވުމަށް އެމްޑީޕީން މަސައްކަތްކުރަމުންގެންދާ ކަމަށް ބުނެ ދެ މައްސަލައެއް އިދިކޮޅު ޕީޕީއެމްގެ ފަރާތުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އޭގެ ތެރެއިން އެއް މައްސަލައަކީ، މާލޭގައި ވޯޓު ފޮށި ބަހައްޓާފައި ހުރި އިސްކަންދަރު ސްކޫލް ކުރިމަތީގައި ހުރި މއ. އޮނިކްސް ކިޔާ ގެއެއްގެ ތެރޭގައި، ވޯޓަށް ނުފޫޒު ފޯރުވުމަށް އެމްޑީޕީން ފައިސާ ބަހާ މައްސަލައެއް ކަމަށެވެ.

އަނެއް މައްސަލައަކީ، އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) ފޯކައިދޫ ވޯޓުލާ މަރުކަޒު ސަރަހައްދުގައި ކެމްޕެއިން ކޮށް ވޯޓަށް ނުފޫޒު ފޯރުވަމުންދާ މައްސަލައެއް ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

އެމްޑީޕީން ފައިސާ ބަހަމުންގެންދާ ކަމަށް ބުނެ، އެމްޑީޕީގެ ސަޕޯޓަރުންނާއި އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުންގެ މެދުގައި އިސްކަންދަރު ސްކޫލްގައިރީގައި، މީގެ އިރުކޮޅެއް ކުރީން ޒުވާބު ހިނގައި ބޮޑު މައްސަލަގަނޑެއް ވެސް އުފެދުނެވެ. ނަމަވެސް މިހާރު އެކަންތައް ވަނީ ހަމަޔަކަށް އެޅިފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވަން އަށް ވިދާޅުވީ، އިލެކްޝަނުން ކަނޑައަޅާފައިވާ ވޯޓުލާ ސަރަހައްދު ކަމަށްވާ 100 ފޫޓު ސަރަހައްދުގައި އެއްވެސް މައްސަލައެއް ދިމާ ނުވާ ކަމަށެވެ. ނަމަވެސް އިސްކަންދަރު ސްކޫލް ކައިރިން، އީސީން ކަނޑައަޅާފައިވާ ސަރަހައްދު ބޭރުން އަޑުގަދަކުރުންތަކެއް ކުރިއަށްދިޔަކަން ހަބީބު ފާހަގަ ކުރެއްވިއެވެ.

ހަބީބު ވިދާޅުވީ އީސީން ކަނޑައަޅާފައިވާ ސަރަހައްދުގެ ބޭރުން ހިނގާ ކަންކަމަކީ ފުލުހުންނާ ބެހޭ ކަންތައްތަކެއް ކަމަށެވެ. އެކަންތައްތައް ފުލުހުން ހައްލު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވޯޓުލުން ކުރިއަށްދާއިރު، އިލެކްޝަން ކޮމިޝަނުން ވަނީ އިންތިހާބާ ގުޅޭ ޝަކުވާ ނުވަތަ މައްސަލަ ހުށަހަޅަން ބޭނުންވެއްޖެ ހިނދެއްގައި، މައްސަލަ ހުށަހެޅުމުގެ އިންތިޒާމް ވެސް ހަމަޖައްސައިފައެވެ.

ހަބީބު ވިދާޅުވީ ހުރިހާ ސަރަހައްދެއްގައިވެސް އަމާން ކަމާއެކެު ވޯޓުލުން ކުރިއަށްދާ ކަމަށެވެ.

މި އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ ކޮންމެ ރަށެއްގައި ދެ ވޯޓު ފޮށީގެ އިތުރުން މާލޭ އިސްކަންދަރު ސްކޫލުގައި ދެ ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ.

މި އިންތިހާބުގައި ތިން ކެންޑިޑޭޓަކު ވާދަ ކުރައްވައެވެ. އެއީ ވެރިކަންކުރާ މައިޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) އާއި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، މޫސާ ފަތުހީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓް ހަންނާނު އިދުރީސް އެވެ.