މާދަމާ ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ކަންކަމަށް ފޯކައިދޫއަށް ގޮސް ތިބި އިލެކްޝަން ކޮމިޝަން (އީސީ)ގެ އޮފިޝަލުންނާއި އެމްޑީޕީގެ އިސް ފަރާތްތަކުން ބައްދަލުކުރި ކަމުގެ ތުހުމަތާ އެކު ފޯކައިދޫގައި ހަމަނުޖެހުން ހިންގައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ ވިދާޅުވީ އީސީގެ އޮފިޝަލުން އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރަމުންދާކަމުގެ މައުލޫމާތު ލިބުމުން ޕީޕީއެމް ސަޕޯޓަރުން އެ ހަރުގެއަށް ވަދެފައިވާ ކަމަށެވެ.

ހީނާ ވިދާޅުވީ ފޯކައިދޫ އެމްޑީޕީ ޖަގަހައިގެ ގޮތުގައި ބޭނުން ކުރަމުންދަނީ އެރަށު ސަންސެޓް ގެސްޓްހައުސް ކަމަށެވެ. އަދި އީސީގެ އޮފިޝަލުން ބައިތިއްބާފައި ތިބީ ވެސް އެ ގެސްޓްހައުސްގައި ކަމަށެވެ.

ހީނާ ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން، އީސީގެ އޮފިޝަލުންނާ ބައްދަލުކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު އީސީއަށް ހުށަހަޅާފައިވާ ކަމަށެވެ.

ހީނާ ވަނީ ފޯކައިދޫގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯއެއްވެސް ހިއްސާކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އިދިކޮޅު ކޯލިޝަންގެ ގިނަ ސަޕޯޓަރުންތަކެއް ވަނީ އެ ގެސްޓްހައުސްގެ ބޭރަށް އެއްވެފައެވެ. އަދި އެމްޑީޕީގެ މެމްބަރުންނާއި ޕީޕީއެމްގެ މެމްބަރުންގެ ދެމެދުގައި ބަހުުގެ ހަމަލާތަކެއް ބަދަލުކުރާ މަންޒަރުތައްވެސް އެ ވީޑިއޯތަކުން ފެނިގެންދެއެވެ.

އެކަމާ ގުޅިގެން އީސީގެ ރައީސް ފުއާދު ތައުފީގު މިރޭ "ވަން" އަށް ވިދާޅުވީ ޕީޕީއެމްގެ ފަރާތުން އެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހާރު އެކަން ހައްލުކުރެވިފައިވާ ކަމަށެވެ.

ފުއާދު ވިދާޅުވީ އެ ގެސްޓްހައުސްއަކީ އެމްޑީޕީގެ ހަރުގެއެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ތަނެއްކަން ފޯކައިދުއަށް ދިޔަ އީސީގެ އޮފިޝަލުންނަށް ނޭންގޭ ކަމަށެވެ.

ފުއާދު އިތުރަށް ވިދާޅުވީ އެކޮމަޑޭޝަން ހަމަޖައްސާއިރު ސިޔާސީ ފަރާތްތަކާ ގުޅުން ހުރި ތަންތަނުން އެކޮމަޑޭޝަން ހަމަނުޖެއްސުމަށް އޮފިޝަލުންނަށް އަންގާފައިވާނެ ކަމަށެވެ.