މިދިޔަ އަހަރު ރިސޯޓު ހަދަން ހުޅުވާލި 18 ރަށަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.

ދިހަ އަތޮޅަކުން 18 ރަށެއްގައި ރިސޯޓު ހަދަން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާފައިވަނީ ދުބާއީ އެކްސްޕޯގެ ތެރެއިން ރާއްޖެއިން ބޭއްވި އިންވެސްޓްމެންޓް ފޯރަމްގައި މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ، ރިސޯޓު ހަދަން ހުޅުވާލި ރަށްތަކަށް ބީލަން ހުށަހެޅުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެ ކަމަށް ކުރިން ބުނި ނަމަވެސް މިހާރު ބީލަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މާޗު މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.

  • ހއ. މެދަފުށި - 10.90 ހެކްޓަރު.
  • ހއ. އަލިދުއްފަރުފިނޮޅު - ތިން ހެކްޓަރު.
  • ހދ. ކުޑަފަރުފަސްގަނޑު - 1.20 ހެކްޓަރު.
  • ށ. ކުޑަޅައިމެންދޫ - 14.70 ހެކްޓަރު.
  • ރ. އެއްތިގިލި އަދި އަލިފުށި ފަޅުން 10 ހެކްޓަރު - 20 ހެކްޓަރު.
  • މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު - 4.28 ހެކްޓަރު.
  • މ. މާއުސްފުށި - 10.40 ހެކްޓަރު.
  • ފ. އެނބުލުފުށި - 1.00 ހެކްޓަރު.
  • ފ. ޖިންނަތުގައު - 0.89 ހެކްޓަރު.
  • ތ. ކާއްޑޫ - 3.9 ހެކްޓަރު.
  • ތ. އޮޅުފުށި އަދި އޮޅުފުށިފިނޮޅު - 3.54 ހެކްޓަރު.
  • ލ. ކަށިދޫ - 3.1 ހެކްޓަރު.
  • ލ. ބޮޑުމުންޏަފުށި - 3 ހެކްޓަރު.
  • ލ. ދޮންބެރެހާ އަދި ހޮޅަރެހާ - 4.44 ހެކްޓަރު.
  • ގއ. މާރެހާ - 17 ހެކްޓަރު.
  • ގއ. ފުނަދޫވިލިގިއްލާ - 5 ހެކްޓަރު.
  • ގދ. ކަނޑަހަލަގަލާ - 7.4 ހެކްޓަރު.

އެ ރަށްތަކުގެ ތެރެއިން ލ، ގއ، ގދ، އަތޮޅުގެ ރަށްތައް ފިޔަވައި އެހެން ރަށްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފައިވަނީ މާޗު މަހުގެ 22 ވަނަ ދުވަހަށެވެ. އެ އަތޮޅުގެ ރަށްތަކުގެ ބީލަން ހުށަހެޅުމުގެ މުއްދަތު ހަމަ ވާނީ މާޗު މަހުގެ 23 ވަނަ ދުވަހުއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ރަށްތައް ވިއްކުމުގައި 60 ޕަސެންޓް ޕޮއިންޓް ކަނޑައަޅާފައި ވަނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށް ކަމަށެވެ. އަދި ތިމާވެށީގެ ކަންކަމާއި މުވައްޒަފުން ތަމްރީނު ކުރުމާއި އިޔާދަކުރަނިވި ހަކަތައަށް އިސްކަންދޭ ވަރަށް ވެސް ޕޮއިންޓް ދޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.