ކުޅިވަރު

ނުވަދިހަ އެއް ގައުމަކުން 3000 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާ ވިންޓާ އޮލިމްޕިކްސް ފަށައިފި

ވިންޓާ އޮލިމްޕިކްސްގެ 24 ވަނަ އެޑިޝަން ރަސްމީކޮށް ޗައިނާގެ ބެއިޖިންގައި ފަށައިފިއެވެ.

މިއަހަރުގެ ވިންޓާ އޮލިމްޕިކްސްގައި 91 ގައުމަކުން 3000 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާނެއެވެ. މިއަހަރުގެ ވިންޓާ އޮލިމްޕިކްސް ޗައިނާގައި ފަށާފައިވާ އިރު، އެ އިވެންޓް ޗައިނާގައި ބާއްވާތީ އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމިޓީ (އައިއޯސީ)އަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އެއީ ޗައިނާގައި ލާއިންސާނީ އެތައް ކަމެއް ހިނގަމުން ދަނިކޮށް އެކަން ފޮރުވަން ޗައިނާއަށް ދިން ފުރުސަތެއް ކަމަށް އެފަދަ ކަންކަމާ ދެކޮޅަށް އަޑު އުފުލާ ޖަމިއްޔާތަކުން ވަނީ ބުނެފައެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި އައިއޯސީގެ ރައީސް ތޯމަސް ބަޗް ވިދާޅުވީ އޮލިމްޕިކްސްގެ ބޭނުމަކީ ތަފާތުކުރުންތައް ނައްތާލައި، ޑައިވަސިފިކޭޝަނަށް ފުރުސަތު ހުޅުވާލުން ކަމަށެވެ. އޭގެ އިތުރުން ބަޗް ވަނީ ސިޔާސީ ފަރާތްތަކަށްވެސް ހާއްސަ މެސެޖެއް ދެއްވާފައެވެ. ބަޗް ވިދާޅުވީ ހިޔާލު ތަފާތުވުންތަކަށް ޖާގަ ދީ، ސުލްހަ މަސަލަސްކަމަށް ފުރުސަތެއް ދިނުމަށެވެ.

ވިންޓާ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތު ވަރަށް ބޮޑަށް ފިނި މޫސުމާ ގުޅުވާލައިފައި އޮތް އިރު، ދަންމަރު ރޯކުރީ ސްނޯ ފްލޭކެއްގެ މަންޒަރު ސިފަވާ ގޮތަށް ހުރި ކަލްޑްރޯންއެއްގައެވެ. ސްނޯ ފްލޭކުން ރަމްޒުކޮށްދީފައި ވަނީ ބައިވެރިވާ 91 ގައުމެވެ. އެ ގައުމުތަކުގެ ރަމްޒު ސްނޯ ފްލޭކުން ދައްކާލިއެވެ.

ބެއިޖިން ވެފައި ވަނީ ހޫނު މޫސުމުގެ އޮލިމްޕިކްސް އާއި ފިނި މޫސުމުގެ އޮލިމްޕިކްސް ބާއްވަން ފުރުސަތު ލިބުނު ފުރަތަމަ ސިޓީއަށެވެ. ވިންޓާ އޮލިމްޕިކްސްގެ ހުޅުވުންވެސް ބާއްވާފައި ވަނީ 2008 ވަނަ އަހަރު އެގައުމުގެ ބޭއްވި ހޫނު މޫސުމުގެ އޮލިމްޕިކްސް ހުޅުވި ބާޑްސް ނެސްޓް ސްޓޭޑިއަމްގައެވެ.

ޗައިނާއިން ޑައިވަސިފިކޭޝަނަށް ބޮޑު ސަމާލުކަމެއް ދިނުމުގެ ގޮތުން އެގައުމުގެ ދިދަ ނެންގުވީ އެގައުމަށް ނިސްބަތްވާ 56 ދަރިކޮޅުގެ މީހުން ހިމެނޭ ޓީމަކުންނެވެ.

އުއިގާ މުސްލިމުންނަށް ޗައިނާއިން ދޭ އަނިޔާގެ ހިޔަނި އޮލިމްޕިކްސްއަށް

އުއިގާ މުސްލިމުންނާ ދެކޮޅަށް ބެއިޖިންގެ ސަރުކާރުން ހިންގަމުންދާ ލާ އިންސާނީ އަނިޔާތަކުގެ ސަބަބުން ޗައިނާއަށް ވަނީ ނަފުރަތު އަމާޒުވެފައެވެ. އެގޮތުން އޮލިމްޕިކްސްއާ ހަމައަށްވެސް އެ ކަންކަމުގެ އަސަރު ފޯރާފައިވެއެވެ. ދުނިޔޭގެ ބައެއް ގައުމުތަކުން ޗައިނާ ވިންޓާ އޮލިމްޕިކްސްއަށް ޑިޕްލޮމެޓުން ނުފޮނުވައި ބޮއިކޮޓްވެސް ކޮށްފައިވެއެވެ.

އެގޮތުން އެންމެ ބާރު ގަދަ އެއް ގައުމު އިނގިރޭސިވިލާތުންވެސް މިފަހަރުގެ އިވެންޓަށް ބެއިޖިންއަށް ޑިޕްލޮމެޓުން ފޮނުވާފައެއް ނުވެއެވެ.

ޗައިނާގެ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ބައިނަލްއަގުވާމީ ޖަމާއަތްތަކުންވެސް ކޮށްފައިވެއެވެ. އެގޮތުން އާބާދީ ހަމަހަމަ ކުރުމަށް އުއިގާ މުސްލިމު އަންހެނުން މެރުމުގެ ތުހުމަތުވެސް ގިނަ ފަރާތްތަކަކުން ޗައިނާ ސަރުކާރަށް ކޮށްފައިވެއެވެ. އެހެންނަމަވެސް ޗައިނާ ސަރުކާރުން ވަނީ އެކަންކަން ތަކުރާރުކޮށް ދޮގު ކޮށްފައެވެ.