ޓީމުގެ ރިކަވަރީއަށް އިތުރު ދުވަހެއް ބޭނުންވާތީ މިސްރުން ބޭނުން ވަނީ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލް އަންނަ ހޯމަ ދުވަހަށް ފަސްކުރަން ކަމަށް ޓީމުގެ އެސިސްޓެންޓް ކޯޗު ޑިއާ އަލް ސައީދު ބުނެފިއެވެ.
މިސްރުން އެފްކޯންގެ ފައިނަލަށް ދިޔައީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން ކެމަރޫން ކަޓުވާލައިފައެވެ. ރޭގެ މެޗުގެ ފަހު ވަގުތު ކޮޅުގައި ޓީމަށް އިރުޝާދުގެ ދޭން ހުރި ހެޑް ކޯޗު ކާލޯސް ގުއިރޯޒްއަށް ރަތް ކާޑު ދައްކައި، ބެންޗުން ފޮނުވާލައިފައިވާ އިރު، ނޫސް ކޮންފަރެންސަށް ދިޔައީ އެސިސްޓެންޓް ކޯޗު ސައީދެވެ.
"މުބާރާތް އިންތިޒާމް ކުރާ ފަރާތަށް ހޯމަ ދުވަހަށް ފައިނަލް ފަސްކޮށްލަ ދޭން އަހަރެމެން އެދިފައި ވާނީ. ސެނެގާލަށް މާ ބޮޑަށްވެސް ރެސްޓް ކުރަން ވަގުތު ލިބޭ. ހާއްސަކޮށް އިތުރު އެއް ދުވަސް އެބަ ލިބޭ ޝެޑިއުލް އޮތް ގޮތުން،" ސައީދު ބުންޏެވެ.
ސެނެގާލުން ނޮކް އައުޓުގައި ކުޅުނު ތިން މެޗުވެސް 90 މިނެޓުގެ ފުރިހަމަ ވަގުތުން ނިމުނު ނަމަވެސް، މިސްރުން ނޮކް އައުޓުގައި ކުޅުނު ކޮންމެ މެޗެއްގައިވެސް ވަނީ 120 މިނެޓުގެ އިތުރު ވަގުތަށް ގޮސްފައެވެ.
"ތިންވަނަ ހޮވާ މެޗާވެސް އެކު އެއް ދުވަހަށް މެޗުތައް ފަސްކުރާނެ ކަމަށް އަހަރެމެން އުންމީދުކުރަން،" ސައީދު ބުންޏެވެ.
އެފްކޯންގެ ތިންވަނަ ހޮވާ މެޗު އޮންނާނީ މާދަމާ ރޭ ރާއްޖޭ ގަޑިން 21:00 ގައެވެ. އެރޭ މެންދަމަށް މިވަގުތު ފައިނަލް ޝެޑިއުލް ކޮށްފައި އޮތް އިރު، މިސްރުގެ އެ އެދުމަށް އެފްކޯން އިންތިޒާމް ކުރާ ފަރާތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
މިއަހަރުގެ ކުރިން އެންމެ ފަހުން ކުޅުނު 2019 ވަނަ އަހަރުގެ އެފްކޯން މުބާރާތުގައި ސެމީ ފައިނަލް ދެމެޗުވެސް ކުޅުނީ އެއް ދުވަހެއްގައެވެ. އެހެންކަމުން ދެޓީމަށްވެސް ރެސްޓް ކުރުމަށް ހަމަހަމަ ފުރުސަތެއް ލިބުނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު