އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން) ފައިނަލުގެ ފަހު ޖާގަ މިސްރުން ހޯދައިފިއެވެ.

މިސްރުން ފައިނަލްގެ ޖާގަ ޔަގީންކުރީ ރޭ ކެމަރޫންގެ އޮލެމްބޫ ސްޓޭޑިއަމްގައި ހޯސްޓް ގައުމު ކެމަރޫންއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްގެންނެވެ. ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރުވެސް ގޯލެއް ނުޖެހި އޮތުމުން މެޗު އިތުރު ވަގުތަށް ގޮސްފައިވާ އިރު، އިތުރު ވަގުތުގެ ދެ ހާފު ނިމުނު އިރުވެސް ގޯލެއް ފެނިފައެއް ނުވެއެވެ. 0-0 އިން އެއްވަރު ޕެނަލްޓީއަށް މެޗު ގޮސް، މިސްރުން ޕެނަލްޓީ ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

ޕެނަލްޓީގައި މިސްރުގެ ހީރޯއަކީ ގޯލްކީޕަރު ގަބާސްކީއެވެ. މިސްރުން މުބާރާތް ފެށީ އަލް އަހްލީގެ ގޯލްކީޕަރު އަލް ޝެނާވީ ގޯލުގައި ބަހައްޓައިގެން ނަމަވެސް ގަދަ 16 ގެ މެޗުގައި އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން ބަދަލު ގޯލްކީޕަރު ގަބާސްކީ ބޭނުން ކުރަން އެގައުމަށް މަޖުބޫރު ވިއެވެ. ގަބާސްކީ މިހާތަނަށް މިސްރަށް ދެ ޕެނަލްޓީ ޝޫޓް އައުޓެއް ކާމިޔާބު ކޮށްދީފައިވާ އިރު، ރޭގެ ނަތީޖާއާއެކު ކުޅުންތެރިންގެ ތައުރީފު އެންމެ ބޮޑަށް އަމާޒުވީވެސް ގަބާސްކީއަށެވެ.

މެޗުގެ ފުރިހަމަ ވަގުތުގައިވެސް ހަމަލާތައް ގިނަކޮށް ފެނުނެވެ. ފައުލްތައް ގިނަ، ޕްރެޝަރު މެޗެއްގެ ގޮތުގައި މެޗު ފެނިގެން ދިޔަ އިރު، މިސްރުގެ މުހައްމަދު ސަލާހުގެ ދެ ހަމަލާއެއް ގޯލަށް އަމާޒު ނުވެ ދިޔުމުގެ އިތުރުން ދެން ބޮޑަށް ފެނުނީ ކެމަރޫންގެ ހަމަލާތަކެވެ. މައިކަލް ގަޑެއީ ގަޑާޑްޖޫއީ ބޮލުން ޖެހި ހަމަލާއެއްގެ އިތުރުން ސެމިއުލް ގޯޓޭސް ބާރު ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވެފައިވެއެވެ.

މެޗު ފަހުކޮޅަށް ގޮސް ހޫނު ގަދަކޮށް ފެނުނު އިރު، ޝަކުވާކުރުމުގެ ސަބަބުން މިސްރުގެ ކޯޗު ކާލޯސް ގެއިރޯޒްއަށް ރެފްރީ ވަނީ ރަތް ކާޑުވެސް ދައްކައިފައެވެ. އޭގެ އިތުރުން މިސްރުގެ އެސިސްޓެންޓް ކޯޗު ވައިލް ގޮމާއަށްވެސް ރޭ އަނެއްކާ ރީނދޫ ކާޑު ދެއްކި އިރު، ފައިނަލުގައި ދެ ކޯޗުންނަށްވެސް ބެންޗުގައި ނުތިބެވޭނެއެވެ.

ޕެނަލްޓީގައި ގަބާސްކީ މަތަކުރީ ކެމަރޫންގެ ހާރޯލްޑް މަކޫންޑީއާއި ޖޭމްސް ލެއާ ސިލިކީ ޖެހި ޕެނަލްޓީތަކެވެ. ކެމަރޫންގެ ކްލިންޓަން އެންޖީ ޖެހި ޕެނަލްޓީ ދިޔައީ ބޭރަށެވެ.

އާދީއްތަ ދުވަހު ކެމަރޫންގެ ޔޯންޑޭގެ އޮލެމްބޭ ސްޓޭޑިއަމްގައި އޮންނަ ފައިނަލް މެޗު ވެގެންދާނީ ލިވަޕޫލްގެ ސުޕަ ސްޓާރުން ކަމަށްވާ ސަލާހާއި ސެނެގާލްގެ ސަޑިއޯ މާނޭގެ ކުރިމަތިލުމަކަށެވެ. މިހާތަނަށް މުބާރާތުގައި ދެ ކުޅުންތެރިންގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، އެންމެ މުހިއްމު ވަގުތުތަކުގައި ތަފާތު ދައްކާފައި ވަނީ އެ ދެކުޅުންތެރިންނެވެ.

ފައިނަލް މެޗު ވެގެންދާނީ ސަލާހާއި މާނޭ، ގައުމީ ޓީމާއެކު ކުރިމަތިލުމުގެ ފެށުމަކަށެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ޕްލޭ އޮފްގައިވެސް ކުޅެން ޖެހިފައި އޮތީ ސެނެގާލާއި މިސްރެވެ. އެ ކޮލިފިކޭޝަންގައިވެސް ސަލާހާއި މާނޭ ދެ ލެގު ކުޅެން ޖެހޭނެއެވެ. ކޮލިފިކޭޝަން ދެމެޗު އޮންނާނީ އަންނަ މަހުއެވެ.

މުބާރާތް ބާއްވާ ގައުމު ކެމަރޫނަށް ދެން އޮންނާނީ ތިންވަނަ ހޮވާ މެޗެވެ. އެ މެޗުގައި ނުކުންނާނީ ބުރްކީނޯ ފާސޯއާ ދެކޮޅަށެވެ.