ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ މެއި މަހުން ފެށިގެން ބޮޑުކުރަން ނިންމާފައިވާތީ ހުނަރުވެރި ދަރިވަރުން މުދައްރިސް ކަމަށް ކުރިމަތިލާން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވަން މިއަދު ބޭއްވި ޖަލްސާގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އަންނަ މެއި މަހުން ފެށިގެން ޓީޗަރުންގެ މުސާރަ ބޮޑުވާއިރު ލިބިގެންދާނީ 56 ޕަސެންޓުގެ ކުރިއެރުމެއް ކަމަށެވެ.
އެކަމާ ގުޅިގެން މިނިސްޓަރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީގެ ކުރީން ދުވަހަކުވެސް ބޮޑު ކޮށްދީފައި ނުވާ މިންވަރަކަށް މުދައްރިސުންގެ މުސާރަ ބޮޑުކޮށްދެއްވަން ރައީސް ސޯލިހު އިއުލާނުކުރެއްވުމަކީ ސްކޫލުތަކާއި ގުޅިފައިވާ ހުރިހާ ފަރާތްތަކަކަށް ލިބުނު މަތިވެރި އުފަލެއް ކަމަށެވެ.
"އެ ހުރިހާ ފަރާތްތަކެއްގެ ނަމުގައި ރައީސަށް ޝުކުރު ދަންނަވަން. މުދައްރިސުންގެ މުސާރައިގެ މިންވަރު ގުޅިފައިވަނީ ރާއްޖޭގެ ތަރައްގީއާ. މިކަމުން އަޅުގަނޑު އެދެނީ ހުނަރުވެރި ދަރިވަރުން މުދައްރިސްކަމާ ކުރިމަތިލާން. މޮޅެތި މުދައްރިސުން ވަޒީފާގައި ދެމިތިބޭން. ޝުކުރިއްޔާ ރައީސް،" މިނިސްޓަރު ވިދާޅުވިއެވެ.
ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
ރައީސް ސޯލިހު މިއަދު ވިދާޅުވީ ގައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ ދަރިން ބިނާކުރާ އެދުރުން ކަމަށާއި އެމީހުންނަށް އެކަށިގެންވާ އުޖޫރައެއް ދިނުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށެވެ.
މި ބަދަލާއެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލައި 12,628 ރުފިޔާ އިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެ ކަމަށެވެ. އަދި މިއީ 56 ޕަސެންޓުގެ ކުރިއެރުމެއް ކަމަށްވެސް ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު