މީހުން

ދިވެހި މާވަޑިޔާ އުސާމަތު: ކާމިޔާބަށް ވާސިލުވެވުނީ އެތައް ފަހަރަކު ފެއިލްވެގެން

މަރިޔަމް ޝަފާ އިބްރާހިމް

4

ބޭނުންވާ އުއްމީދު ހާސިލުކުރުމަކީ ހަމަ ހުރެފައި އެއްވެސް ދައްޗަކާ ނުލައި ކުރެވޭނެ ކަމެއް ނޫނެވެ. އެތައް ފަހަރަކު ހިތްވަރުކޮށްގެން ކުރާ މަސައްކަތުން، ސަތޭކަ ފަހަރު ކުރިމަތިލައި މަސައްކަތްކުރާ އިރު، ނުވަދިހަ ނުވަ ފަހަރު ފެއިލިވެ ނާކާމިޔާބުވެ، އެންމެ ފަހުން ކާމިޔާބު ވަނީ ސަތޭކަ ވަނަ ފަހަރުންނެވެ. އާންމުކޮށް އެހެން މީހުންނަށް ފެންނާނީ ސަތޭކަ ވަނަ ފަހަރުގެ ކާމިޔާބީއާއި ކުރިއެރުމެވެ. ވޭތުވެދިޔަ ނުވަދިހަ ނުވަ ފަހަރަކީ މުޅިންވެސް ނާކާމިޔާބުވި ފަހަރުތައްކަން އެނގޭނީ ހަމައެކަނި އެ ހިތްވަރު ކުރި މީހާއަށެވެ. ކޮންމެ ނާކާމިޔާބަކީ ކާމިޔާބުގެ ފެށުމެވެ. އަދި ކޮންމެ ކާމިޔާބީއެއްގެ ތަޅުދަނޑިއަކީ އިހުލާސްތެރިކަމެވެ. އަދި އޭގެ ކާނާއަކީ ކެތްތެރިކަމާއި އެލުވައިނުލެވޭ ހިތްވަރާއި ނުގުޑާ އަޒުމެވެ.

ވޭތުވެދިޔަ 13 ވަރަކަށް އަހަރުތެރޭ އެތައް ފަހަރަކު އަމިއްލަ ޖީބުން ހަރަދުކޮށްގެން ބުރަ މަސައްކަތްކޮށްފައި ލިބުނު ފައިދާގެ ބަދަލުގައި ވީ ގެއްލުންތައް ފޫބައްދަން އަމިއްލަ ޖީބުން ހޭދަކުރަން ޖެހުމަކީ ކުޑަ ހިތްދަތިކަމެއް ނޫނެވެ. އެހެންނަމަވެސް އެއްލާރިން ދެލާރި ހެދިގެން ލައްކައިން ކުރޯޑުން ގުނާ އަދަދު ނުކުރެ ވޭވަރަށްވެސް މަތިވެގެން ދަނީ ހަމަ އެއްކަލަ އެއްލާރިކަން ގަބޫލު ކުރާ މީހާ ހިތްވަރު އެލުވައެއްނުލާނެތާއެވެ.

މިއީ އުމުރުން 36 އަހަރުގެ ޒުވާން މާވަޑިޔާގެ ގަބޫލުކުރުމެވެ. "ބޭނުންވަނީ ނުގުޑާ އަޒުމަކާއި ކެރިހުރި ހިތްވަރެއް. ފުންމައިގެން ގޮސް ބޮންތިއަކު ނުހިފޭނެ. އެެހެން ހިފަން ވެއްޖެނަމަ ދާދިއިސާހިތު ވެއްޓި ފުނޑުފުނޑުވެދާނެ،"

ދ. މީދޫ ފެހިގޭ އަލްމަރުހޫމާ ހަބީބާ އަލީ އާއި ހަމަ އެރަށު ގުލްޝަން ކިނާރާ އަލީ އިބްރާހީމްގެ ހަ ދަރީންގެ ތެރެއިން ތިންވަނަ ދަރިފުޅު، މާލެސިޓީ ދަފްތަރު، އުސާމަތު އަލީ ސޯޝަލް މީޑިއާގައި މަޝްހޫރުވަމުން އަންނަނީ އޭނާ ފޭސްބުކްގެ ނަަމަކަށް ބޭނުންކުރާ 'ދިވެހި މާވަޑިޔާ'ގެ ނަމުންނެވެ. މި މާވަޑިޔާގެ ނަން އެންމެ ބޮޑަށް އެކަކު އަނެކަކަށް ހިއްސާކުރެވޭ އެއް ގުރޫޕަކީ 'ހިޔާ ފުލެޓް ޔޫނިއަން' ކިޔާ އެކި ފުލެޓުތަކުން އެކި މައުލޫމާތު ހިއްސާކުރާ 8000 މީހުނަށްވުރެ ގިނަ މީހުން ހިމެނޭ ވައިބާ ގުރޫޕާއި އަދި ރާއްޖޭގެ އެކި ވިޔަފާރިތަކާ ބެހޭ "މޯލްޑިވްސް އޮންލައިން ބިޒިނަސް' ބްލޮގުގައެވެ.

ހިޔާ ފްލެޓުގެ ނިންމުމުގެ ފަހު މަސައްކަތްތަކޭ ނުވަތަ ފިނިޝިން މަސައްކަތޭ ބުންޏަސް، އެއީ ހަރަދުބޮޑު ގިނަ މަސައްކަތްތަކެކެވެ. ދޮރާއި ދޮރުކަނިތަކުން ފެށިގެން ކަފޭރާތަކާއި ބަދިގެ ސެޓުތަކެވެ. އެނދާއި އަލަމާރިއާއި ގޮނޑިއާއި މޭޒެވެ. ތަޅައި އަލުންބަލުން އާބާތުރަ ކުރަން ޖެހެނީ ހަމައެކަނި ހުރި ފާރުތައް ފިޔަވައި އެހެން ހުރިހާ ތަނަކާއި ކަމެކެވެ.

މާލޭގައި ކުއްޔަށް އުޅޭ ގެ ދޫކޮށް ހުޅުމާލޭގެ ދެވަނަ ފޭހަށް ބަދަލުވި ގިނަ އާއިލާތަކަށް ފްލެޓުތަކުގެ މަސައްކަތްތައް ނިންމުމަށް ކުރަން ޖެހުނު ހަރަދަށްވުރެ ބޮޑު މައްސަލައަކަށްވީ މަސައްކަތްކޮށްދޭނެ މީހުން ނުލިބުމެވެ. އެކި ގޮތްގޮތުން ހޯދައި ބަލައިގެންވެސް ލިބެނީ ބިދޭސީންނެވެ. ރަނގަޅަށް މަސައްކަތް ނޭނގޭ މީހުންކަމުން ބޭނުމެއް ނުފުދުނެވެ. ދެން އިވުނު އަގުތަކުން ގަތީ ބިރެވެ. ލޯ ހުޅުވާލަން ނުކެރޭހާ ބޮޑު އަގުތަކެވެ.

މިކަންކަމުގެ އެންމެ ބޮޑު ހައްލުކަމަށްވި މަދު މީހުންގެ ތެރޭގައި މި ޒުވާން މާވަޑިޔާ ފާހަގަކޮށްލެވެނީ ސަބަަބެއް ނެތިއެއް ނޫނެވެ. ދާދި ފަހަކާ ޖެހެންދެންވެސް އެކަނި މާއެކަނި އެއްވެސް އެހީތެރިއަކާ ނުލައި އަދި އަމިއްލަ އެއްވެސް ސާމާނެއް ނެތި، ކުއްޔަށް ނަގާ ސާމާނުން މި މަސައްކަތް ކުރަމުން އައިސް އަދިވެސް މިއަދުވެސް ހަމަ އެންމެ މުވައްޒަފަކާއެކު ނުހަނު ހީވާގިކަމާއި ހުނަރުވެރިކަމާއެކު ތެދުއުއި ވަޑާމުގެ މަސައްކަތް ކުރަމުން އަންނަ މި ޒުވާނާއަކީ މި ދާއިރާއިން އެއްވެސް ކޯހެއް ނުވަތަ އެއްވެސް ސުކޫލަކުން ފިލާވަޅެއްވިޔަސް ރަސްމީކޮށް އުނގެނި، ސެޓްފިކެޓުތަކެއް އޮތް ފަރާތެއް ނޫނެވެ. އެހެންނަމަވެސް ހައިރާންވާން ޖެހޭހާ ހުނަރުވެރި މި ޒުވާނާއާ 'ވަން'އިން ބައްދަލުކޮށްލުމަށް ބޭނުންވުމުން ހީވެސް ނުކުރާހާ ހިތްހެޔޮކަމާއެކު ހޫނު މަރުހަބާއެއް ކިޔެވެ.

ފެށީ ފެށީ ސުމަކުން، ދަތިތަކާ ކުރިމަތިލާން ޖެހުނު!

ދެހާސް ދިހަވަނަ އަހަރު ތެދުއުއި ވަޑާމުގެ މަސައްކަތުގެ ތެރެއަށް ނުކުތުމުގެ މާކުރިން ހަނދާން ހުންނަން ފެށީއްސުރެވެސް ބައްޕަގެ މަސައްކަތުގައި، ބައްޕަގެ ވަޑާންގޭގައި އުސާމަތު އުޅުމުގެ ނަތީޖާއަކީ މިއަދު އެއްވެސް ފޮތެއް ނެތި އެދުރަކަށްވުމެވެ. ހައެއްކަ އަހަރު ކުރިން އުސާމަތާއެކު މި މަސައްކަތުގައި އެހީތެރިއަކަށް އުޅެން ފެށި މުހައްމަދު އަންވަރަކީ އުސާމަތުގެ ފަރާތުން އުނގެނިގެން ހުރި ދަރިވަރެކެވެ. އުސާމަތުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެދުރަކީ އޭނާގެ ބައްޕަ، އަލީ އިބްރާހީމެވެ. އެއްވެސް މީހެއްގެ އެހީތެރިކަމެއް ނުވަތަ އެއްކޮށްފައި ހުރި ފައިސާތަކަކާ ނުލައި މި މަސައްކަތުގެ ތެރެއަށް ނުކުތް އުސާމަތަށް އެތަކެއް ގޮންޖެހުމަކާއި ދަތިތަކަކާއި އުނދަގޫކަމެއް ތަހައްމަލުކޮށް ހައްލުކުރަން ޖެހުނެވެ.

"އަތްމަތީގައި އެއްވެސް ކެޕިޓަލެއް ހުރެގެންނެއް ނޫން ފެށީ. ހަމަ ޒީރޯއިން ފެށީ. އެހެންވީމަ ދަތިތަކާ ކުރިމަތިލާން ޖެހުނު. އެހެންވެދާނެ ކަމަށް ވިސްނައިގެން ހުރީ،"

ވަޑާމުގެ މަސައްކަތްތަކުގެ އިތުރުން ޓައިލްސްޖެހުމާއި ރޭނުން އަދި ވައިރިންގެ މަސައްކަތްތަކަށް ދާންދެން ކުރަމުން އަންނަ އުސާމަތު 'ވަން' އިން ކުރި ސުވާލުތަކަށް ޖަވާބުދެމުން ދިޔައިރު ފާހަގަވި އެންމެ ހާއްސަ، އެންމެ ތަފާތު ކަމަކީ އުސާމަތުގެ އަވަސް، ކެރޭ، ހާޒިރު ޖަވާބުތަކެވެ. އެއްވެސް އަޅައިގަތުމެއް ނެތް ބަސް މޮށުންތެރިކަމުގެ އިތުރަށް މަސައްކަތުގެ އެއްވެސް ތަފުސީލެއް، ތާރީހެއް ހޯދުމަށް އެއްވެސް އެއްޗަކަށް ބެލުމެއް ނެތި ޖަވާބު ދިނެވެ.

އުސާމަތުގެ މި މަސައްކަތަށް ގޭގައި ހާއްސަ ކޮޓަރިއެއް ހުރުމުން ބައެއް ކުދިކުދި ވަޑާމުގެ މަސައްކަތްތައް ކުރަނީ އެ ކޮޓަރީގައެވެ. އެހެންނަމަވެސް ބޮޑެތި ޕްރޮޖެކްޓުތަކަށް އެކަމެއްގެ ގެއަށް ނުވަތަ ތަނަށް ގޮސްގެން މިހާރު ގަނެފައިވާ އަމިއްލަ ސާމާނު ބޭނުންކޮށްގެން މަސައްކަތް ކުރާ އިރު، އެ މަސައްކަތެއް ހަވާލުކުރާ ވެރިމީހާ ބަލަން ހުރުމަކީ ދެކޮޅަށްވެސް ލިބޭ ހިތްހަމަޖެހުމެއް ކަމަށް އުސާމަތު ދެކެއެވެ.

އުސާމަތުގެ ހުރިހާ ކާމިޔާބީއަކާއި ހުރިހާ ކުރިއެރުމެއްގެ އެންމެ ބޮޑު ހިއްސާދާރަކީ 13 އަަހަރު ކުރިން ކުރި ކައިވެނިން ލިބިފައިވާ ހަތަރު ކުދިންނާއި އަނބިމީހާއެވެ. މީގެ 13 އަހަރު ކުރިން ދިރިއުޅުމަށް އައި އޭނާގެ އަނބިމީހާއަކީ ލިބުނު ހިތްވަރު ކަމަށް އުސާމަތު ދެކެއެވެ.

"އެއަށްވުރެ ކުލުނާއި އިތުބާާރާއި ލޯބި ވިއްޔާ ވީ އިތުރު. އެއީ މިސާލެއް ނެތް ދެވަނައެއް ނެތް ނަމޫނާ ވައިފެއް. މަޑުމައިތިރި ނިޔަނެތި އޯގާތެރި މަންމައެއް. މި ހިސާބަށް އައުމުގައި ﷲތައާލާގެ އިރާދައަށްފަހު، ބުނެވޭނީ ހިތްވަރާއި އެހީއަކީ އަނބިމީހާއާއި ބައްޕައޭ،"

އަމިއްލަ އާއިލާއާ ބެހޭގޮތުން ވާހަކަދެއްކި އިރު، އުސާމަތުގެ ހިތުގައި އޮތް ލޯތްބާއި ގަދަރު ކިތަންމެހާވެސް ރަނގަޅަށް ހާމަވެއެވެ.

ހުޅުމާލޭގައި ކުއްޔަށް އުޅޭ މި އާއިލާއަށް ދަތި އެތައް ދުވަހަކާ ކުރިމަތިލާން ޖެހުނެވެ. އަމިއްލަ ޖީބުން ހަރަދުކޮށްގެން މަސައްކަތަށް ބޭނުންވާ ސާމާނު ކުއްޔަށް ނަގައިގެން ކުރިއަށް ދިއުމުގެ ސަބަބުން ވަރަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވެ، ލިބުނު ފައިދާއަށްވުރެ ގިނައީ ލިބުނު ގެއްލުންތައް ކަމަށް އުސާމަތު ކިޔައިދިނެވެ.

"އެކަަމަކު ހިތްވަރު އެލުވައެއް ނުލަން. ކޮންމެވެސް ހިސާބަކުން ކާމިޔާބުގެ އަލިކަމެއް ލިބޭނެކަން ޔަގީން ކުރިން. އެއްވެސް އަޅެއްގެ މިންނެތް މަސައްކަތެއް ﷲތައާލާ ނެތިނުކުރައްވާނެކަން ހިތުގެ އަޑިން ގަބޫލުކުރިން،"

ހެލްތު މިނިސްޓްރީގެ ގައުމީ އެމްބިއުލާންސްގެ ޑުރައިވަރެއްގެ ވަޒީފާ ރަސްމީކޮށް އަދާކުރާ އުސާމަތުގެ އުއްމީދާއި ދެކޭ ހުވަފެން މުޅީން ތަފާތެވެ.

"އެކިއެކި ތަފާތު ހުނަރުތަކުގެ ގާބިލު އުފެއްދުންތެރި މަސައްކަތްތެރި ދިވެހި ޒުވާނުން އަމަލީ މައިދާނުގައި ފައިތިލަ ސާބިތުކުރާތަން ދިވެހި ބިމުން ފެނުމަކީ އަބަދުވެސް ދެކޭ ހުވަފެނެއް. ކޮންމެ މީހަކަށްވެސް ކުރެވޭނެ. ކޮންމެ މީހަކީވެސް ތަފާތު އަމިއްލަ މީހެއް."

އުސާމަތު ގަބޫލުކުރާ ގޮތުގައި، ތިމާގެ އެތެރޭގައި ފޮރުވިފައިވާ ގާބިލު ހުނަރުވެރިޔާ ހޯދައި ދުނިޔެއަށް ނެރުމަކީ ތިމާގެ އަމިއްލަ ކަމެކެވެ. "ބޮޑު ފައިސާ ގަނޑެއް ނޫން ބޭނުންވަނީ. ހިތްވަރާއި އަޒުމާއި ކެރުމަކީ ކާމިޔާބުވުމުގެ އަސްލު މަސައްކަތްތައް،"

އުސާމަތުގެ ޒަމާންވީ ހުވަފެންތަކުގައި ކުލަ ޖެހުމަށް އަދި ވަރަށް ގިނަ ވަގުތު އޮތަސް، ކުރަމުން އައި ދުވަސްވީ އުއްމީދު ފުރިހަމަވެ އެއަށް ހަގީގީ ސިފަ އައުމަށް އޮތީ ހަމަ އެންމެ ދެމަހެއްހާ ދުވަހެވެ. އެއީ މުވައްޒަފުންތަކެއް ހިމަނައިގެން އަދި ތަމްރީނުކޮށްގެން، ކުރިއަށް އޮތް ފަސްދޮޅަހަކަށް ދުވަސް ފަހުން ހުޅުވޭ އުސާމަތުގެ އަމިއްލަ ވަޑާންގެއެވެ.

މި ޒުވާން ދިވެހި މާވަޑިޔާ، އުސާމަތުގެ މަސައްކަތަށާއި އޭނާގެ އާއިލާއަށް 'ވަން' އިން އެދެނީ ފަހި، އެހާމެ އުޖާލާ މުސްތަގުބަލަކާއި ފާގަތި ނަފާވެރި ވަޑާންގެއެއް ލިބުމެވެ.