ށ. ފީވަކު ފެނުގެ ނިޒާމާއި އެއަތޮޅު ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ އަޕްޑޭޓް އެމްޑަބްލިޔުއެސްސީން ދީފިއެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ބުނީ ފީވަކުގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރަމުންދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ މަސައްކަތްތަކާއި 9.18 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކު ގާއިމުކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ފެން އުފެއްދުމަށްޓަކައި ދެ އާރް އޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބަހައްޓާނެއެވެ. އަދި ގޭގޭގައި ފެންމީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދިނުންވެސް ހިމެނެއެވެ.
ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުންދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ މަސައްކަތްތަކާއި ފެނާއި ނަރުދަމާގެ މައި ނެޓްވޯކު ގާއިމުކުރުމުގެ މަސައްކަތްތަކާއި ފެން ތާންގިތަކުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ފެން އުފެއްދުމަށްޓަކައި ދެ އާރް އޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުމާއި ނަރުދަމާ ނިޒާމުގެ ހަތަރު ޕަންޕިން ސްޓޭޝަނާއި އެއް ސީ އައުޓް ފޯލް ގާއިމުކުރުން ހިމެނެއެވެ.
މީގެ އިތުރުން ގޭގޭގައި ފެންމީޓަރާއި ނަރުދަމާގެ ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާ ކަނެކްޝަން ގުޅައިދިނުން ހިމެނެއެވެ. އަދި ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުންވެސް ހިމެނެއެވެ.
ފީވަކު ފެނުގެ ނިޒާމާއި ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން މި ދެ މަސައްކަތް ފެން ކުންފުންޏާ ހަވާލުކޮށްފައިވަނީ 135.65 މިލިއަން ރުފިޔާއަށެވެ.