ފުޓްބޯޅަ

ކަފާލާތުގެ ދަށުން ގްރީންވުޑް ދޫކޮށްލައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ތަރި މޭސަން ގްރީންވުޑް، ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލައިފިއެވެ.

އުމުރުން 20 އަހަރުގެ ގްރީންވުޑް، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މޮޑެލް، ހެރިއެޓް ރޮބްސަންއަށް އަނިޔާކުރި ކަމަށް ބުނެ، ހެރިއެޓްގެ އިންސްޓާގްރާމް ސްޓޯރީއަށް ވަނީ ވީޑިއޯތަކުގެ އިތުރުން ފޮޓޯ އަދި އޯޑިއޯ ރެކޯޑިންތަކެއްވެސް ޕޯސްޓުކޮށްފައެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ހެރިއެޓްގެ ނޭފަތް ފަޅައިގެން ދިއުމުގެ އިތުރުން ގައިގެ އެކި ތަންތަނަށް ޖިސްމާނީ އަނިޔާތައް ދީފައިވެއެވެ.

މީގެ ދެ ދުވަސްކުރިން އެ މައްސަލައިގައި ގްރީންވުޑް ހައްޔަރުކޮށްފައިވެއެވެ. ގްރީންވުޑާ ގުޅޭގޮތުން ޔުނައިޓެޑުން ބަޔާން ނެރެފައިވެސް ވާ އިރު، އެ ބަޔާނުގައި ބުނެފައިވަނީ ވަކި އެއްޗެއް އަންގަންދެން ގްރީންވުޑް ތަމްރީނުތަކަށް ނުނިކުންނާނެ ކަމަށާއި މެޗުތައްވެސް ނުކުޅޭނެ ކަމަށެވެ.

އެ މައްސަލައިގައި ގްރީންވުޑް ބަންދުކޮށް، މިއަދު ކޯޓުން މުއްދަތު އިތުރުކުރި ނަމަވެސް ފަހުން ވަނީ މައްސަލަ އިތުރަށް ތަހުގީގުކުރަން ވަގުތުދީ، ކަފާލާތުގެ ދަށުން ގްރީންވުޑް ދޫކޮށްލައިފައެވެ.

ގްރީންވުޑަށް ދަނީ އެކިއެކި ގޮތްގޮތުން އުނދަގޫތަކާ ކުރިމަތިވަމުންނެވެ. އެގޮތުން ފީފާ 22 ގެ ގޭމުތަކުންވެސް ގްރީންވުޑް އުނިކޮށްފައިވާ އިރު، ނައިކީން ވަނީ ގްރީންވުޑާއެކު ވެފައިވާ އެއްބަސްވުންވެސް އުވާލައިފައެވެ.

ޔުނައިޓެޑުގެ އެކަޑެމީގެ ތެރެއިން ސީނިއާ ލެވެލްއަށް އަރައިގެން އައި އުންމީދީ ފޯވަޑް، ކްލަބަށް ފުރަތަމަ މެޗު ކުޅުނީ 2019 ވަނަ އަހަރުއެވެ. 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔުނައިޓެޑުގެ އެއްބަސްވުން ގްރީންވުޑް އާކޮށްފައިވާ އިރު، އިންގްލެންޑު ގައުމީ ޓީމުގެ ކޭމްޕުގެ ތެރެއިން ދިމާވި މައްސަލައަކާ ގުޅިގެންވެސް ގްރީންވުޑަށް ފިޔަވަޅު އަޅާފައިވެއެވެ. އެއީ ކޮވިޑް 19ގެ އުސޫލު މުގުރާލައި، ހޮޓަލަށް އަންހެނުންތަކެއް ވެއްދި މައްސަލައެއްގައެވެ.