ޚަބަރު

އަޑުބަރޭ ރާއްޖެއަކު ނެތް، ހޯދައިދޭން އެދިއްޖެ

ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ 15 ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރި އިރު، ރާއްޖޭގައި ނެތުމުން އެ ހުކުމް ތަންފީޒުކުރުމަށް އޭނާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްދޭން މޯލްޑިވްސް ޕޮލިސް ސާވިސްގައި އެދިއްޖެއެވެ.

ޖިންސީ ފުރައްސާރައިގެ ހަތް މައްސަލައެއްގައި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރާ ދައުވާގައި، އަލީ ވަހީދު ބޭރަށް ފުރި އިރު، އޭނާއާ ޖާމިނުވި އަޑުބަރޭ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި 15 ދުވަހަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އަހްމަދު ނަސީމް ދެންމެ "ވަން" އަށް ވިދާޅުވީ އަޑުބަރޭއަށް ކޯޓުން ހުކުމް ކުރީ ޣައިރު ހާޒިރުގައި ކަމަށްވުމުން، އޭނާ މިވަގުތު ހުރި ތަނެއް ސާފު ނުވާ ކަމަށެވެ. އެހެންވެ އޭނާ ހޯދައިދޭން ފުލުހުންގެ އިދާރާގައި މިއަދު އެދިފައިވާ ކަމަށްވެސް ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަޑުބަރޭ މިވަގުތު ހުރީ އިނގިރޭސި ވިލާތުގައެވެ. އަޑުބަރޭ އިނގިރޭސިވިލާތުގައި ހުންނެވި އިރު, ކޯޓަށް ފިއްލަވައިގެން އުޅުއްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި، އަލީ ވަހީދު މައްސަލައިގެ އަޑުއެހުމުގައި ޣައިރު ހާޒިރުގައި އަޑުބަރޭއަށް ހުކުމް ކުރައްވަމުން ގާޒީ ހަސަން ސައީދު ވިދާޅުވީ، އަލީ ވަހީދު ގެންނަން ކޯޓުން ކުރި އަމުރާ ގުޅިގެން، އޭނާ ގެނައުމަށް އަޑުބަރޭ ކުރި މަސައްކަތެއް އެނގެން ނެތް ކަމަށެވެ. އަދި 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނުގެނައުމަކީ ކޯޓުގެ އެންގުމަކާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ފަހަރުމަތިން ޖިންސީ ގޯނާކޮށް ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ދައުވާކޮށް ރާއްޖޭން ބޭރަށް އޭނާ ފުރުން ކުރިމިނަލް ކޯޓުން މަނާކޮށްފައި އޮތުމަށްފަހު، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފުރުމަށް އޭނާއަށް ހުއްދަ ދިނީ، އެނބުރި ރާއްޖެ އަންނާނެ ކަމުގެ ޔަގީން ކަމެއްގެ ގޮތުން ކޯޓުގައި އަޑުބަރޭ ޖާމިނު ކުރުމުންނެވެ.

އެ ހުއްދައިގެ ދަށުން އަލީ ވަހީދު އިނގިރޭސި ވިލާތަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް އޭނާ ރާއްޖެ އައުމަށް ދިން ހަތަރު މަސްދުވަހުގެ މުއްދަތު ހަމަވެގެން ގޮސް މިއަދާ ހަމައަށް އައިއިރުވެސް އޭނާ ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

އެކަމާ ގުޅިގެން 72 ގަޑިއިރު ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރު ކުރުމަށް 28 ނޮވެމްބަރު 2021 ގައި ކުރިމިނަލް ކޯޓުން އަޑުބަރޭއަށް އެންގިއެވެ. އަދި އެ މުއްދަތުގައި އޭނާ ހާޒިރު ނުވެއްޖެ ނަމަ އަޑުބަރޭއަށް ފިޔަވަޅު އަޅާނެ ކަމަށްވެސް އެންގިއެވެ. ނަމަވެސް އޭގެފަހުން، މައްސަލަ ބައްލަވާ ގާޒީ، ހަސަން ސައީދު ޗުއްޓީގައި ހުންނެވުމާއި، ކުރިމިނަލް ކޯޓު ރިސެސްއަށް ދިއުމާ ގުޅިގެން އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވިފައެއް ނުވެއެވެ.

މިއަދުގެ އަޑުއެހުމުގައި އަޑުބަރޭއަށް ހުކުމް އިއްވަވަމުން ގާޒީ ވިދާޅުވީ، އަލީ ވަހީދު ރާއްޖެ ނުގެނައުމަކީ ކޯޓުން އަންގާފައިވާ އެންގުމަކާ އަޑުބަރޭ ހިލާފުވުން ކަމަށެވެ. އަދި ކޯޓުގެ އެންގުމާ އެއްގޮތަށް އަމަލު ކުރުމުގެ ގަސްތެއް އަޑުބަރޭގެ ކިބައިގައި ނެތްކަން އެނގޭ ކަމަށާއި، އަލީ ވަހީދު ފިލައިގެން އުޅުމަށް ވާގިވެރިވެ، ކޯޓާ މެދު ނުބައި ތަސައްވަރެއް އުފެދޭ ގޮތަށް އަޑުބަރޭ އަމަލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އަލީ ވަހީދު ރާއްޖެ އައިސްފައި ނުވާތީ އޭނާގެ މައްސަލަތައް ކުރިިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ވަނީ ދަތިވެފައެވެ.

އަލީ ވަހީދުގެ މައްސަލައެއްގައި، ސުޕްރީމް ކޯޓުން އެންގި އެންގުމަށް ހާޒިރުނުވެގެން، ކޯޓުގެ ހުރުމަތްކެނޑި މައްސަލައިގައި އަލީ ވަހީދު ޖަލަށްލުމަށް އެ ކޯޓުންވެސް މީގެ ކުރިން ވަނީ ހުކުމް ކޮށްފައެވެ. މިދިޔަ އަހަރުގެ އޯގަސްޓް 11 ގައި ސުޕްރީމް ކޯޓުން އަލީ ވަހީދުގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެެވެ.