ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވެވުމަށް މާދަމާ ބާއްވާ ޖަލްސާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޮއިކޮޓް ކުރަން ނިންމައިފިއެވެ.
ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ޖުޑިޝަރީއަށް އަތްބާނައި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގަައްޔޫމްގެ ޝަރީއަތް ސަރުކާރުން ބޭނުންވާ ގޮތަކަށް ގެންދިއުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
އެގޮތުން ރައީސް ޔާމީނަށް އަމާޒުކޮށް މި ސަރުކާރުން ކުރަމުންދާ ދުއްތުރާތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި މިނިވަން މުއައްސަސާތައް ޕެރެލައިޒްކޮށް ސަރުކާރުން ވަނީ އެ މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައި ކަމަށްވެސް އިދިކޮޅުން ބުންޏެވެ.
"ހަމައެއާއެކު އިންތިހާބެއް ބޯމަތިވެފައި އޮތް އިރު، ސަރުކާރުން ދަނީ އިންތިހާއަށް ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން. މި ހާލަތުގައި މިފަދަ މައްސަލަތައް ބެލުމަށް ކަނޑައެޅިފައިވާ މުއައްސަސާ އެންޓި ކޮރަޕްޝަން ކޮމިޝަން މިވަނީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި،" ބަޔާނުގައިވެއެވެ.
އިދިކޮޅުން ބުނީ ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން އޭސީސީ ހައިޖެކް ކޮށްފައިވާ ކަމަށެވެ. އެގޮތުން ކޮރަޕްޝަނާ ގުޅުންހުރި އެއްވެސް މައްސަލައެއް ބެލޭނެ އެއްވެސް މުއައްސަސާއެއް މިއަދު ރާއްޖޭގައި ނެތުމަކީ މި ސަރުކާރުގެ ހުދުމުހުތާރުކަމާއި ޑިމޮކްރެސީއާ ބީރައްޓެހިކަން ހާމަވެގެންދާ ކަމެއް ކަމަށެވެ.
"މި ސަރުކާރުން އިންޑިއާއާއެކު ހަދާފައިވާ އެކިއެކި ގޮތްނޭނގޭ އެއްބަސްވުންތަކުގެ ދަށުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިފައިވާ އިރު، ރައީސް ޔާމީން އިސްވެ ހުންނަވައި އިންޑިއާ ސިފައިން މި ގައުމުން ބޭލުމަށް ގޮވާލައި ހިންގާ އިންޑިއާ އައުޓް ކެޕްމެއިނާ ދެކޮޅަށް ސަރުކާރުން، ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަށް ވަނީ ތައްޔާރުވެފައި،" ޕީޕީއެމުން ބުންޏެވެ.
އިންޑިއާ އައުޓް ކެމްޕެއިންގައި އަޑުއުފުލާ ފަރާތްތަކަށް ޖިނާއީ ދައުވާކޮށް ޖަލަށްލުމަށް ގަނޫނު ފާސްކުރަން ނިންމާފައިވާ ވުމަކީ މި ސަރުކާރު، އިންޑިއާއަށް އަޅުވެތިވެފައިވާ މިންވަރު އިތުރަށް ހާމަކޮށްދޭ ކަމެއް ކަމަށްވެސް ބަޔާނުގައިވެއެވެ.
"އެހެންކަމުން މިހާ ހުދުމުހުތާރު، ޑިމޮކްރެސީގެ ހަމަތަކާ ބީރައްޓެހި، ގައުމުގެ މިނިވަންކަން އަވަށްޓެރި ގައުމަކަށް ވިއްކާލާފައިވާ ބޭފުޅަކު ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި، އިސްވެ ދެންނެވުނު ކަންކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން މި ކޯލިޝަނުން ބައިވެރިނުވާން ނިންމާފައިވާ ވާހަކަ ދަންނަވަން،" ޕީޕީއެމްގެ ބަޔާނުގައިވެއެވެ.
މަޖިލީހުގެ އެޖެންޑާގައިވާ ގޮތުން މާދަމާ ޖަލްސާ ފަށަން ހަމަޖެހިފައިވަނީ ހެނދުނު 09:00 ގައި، މަޖިލިސް ކުރާ ގޭގައެވެ. މި ޖަލްސާ ފައްޓަވައިދެއްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ ރިޔާސީ ބަޔާން އިއްވެވުން އޮންނާނެއެވެ.
މިއީ ކޮންމެ އަހަރަކަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން، ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ އިއްވަވަން ލާޒިމުވެ ވަޑައިގަންނަވާ ބަޔާނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު