ޚަބަރު

ކުޑަކުއްޖެއް މަރާލައިގެން 16 އަހަރަށް ޖަލަށްލާން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

އިބްރާހިމް ޒަކީ

ކުޑަކުދިން ތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި އެތަނުން އެއްކުއްޖަކު ވަޅިއަކުން ހަމަލާދީ 14 އަހަރުގެ ކުއްޖަކު މަރައިލި މައްސަލައިގައި 16 އަހަރާއި ހަ މަސްދުވަހަށް އެކުއްޖާ ޖަލަށް ލުމަށް ޖުވެނައިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.

މި މައްސަލައަކީ ތިނެއް ޖޫން 2016 ވަނަ ދުވަހުގެ ހަވީރު 5:30 ހާއިރު، މ. މަދަންގެއާ ދިމާލަށް ވާގޮތަށް މަޖީދީމަގުގައި ޕާކު ކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައި ތިބި ކުދިންތަކެއްގެ މެދުގައި ހިންގި މާރާމާރީއެކެވެ.

މި މާރާމާރީގައި އެތަނުން ކުއްޖަކު ހަތަރު އިންޗި ހުންނަ ވަރުގެ ވަޅިއަކުން 14 އަހަރުގެ ކުއްޖާގެ ކަރަށް ހަރައިލުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް ވަނީ މަރުވެފައެވެ.

މި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ތިން ކުއްޖަކަށް ދައުލަތުން ކުރިއެވެ.

ނަމަވެސް އެ މައްސަލަ ބަލައި، މައްސަލައިގައި ހިމެނޭ ކުދިންނަށް 18 އަހަރު ފުރުމުން، ޖުވެނައިލް ކޯޓުން 2019 ވަނަ އަހަރު ކުރި ހުކުމްގައި ވަނީ އެކުށް ސާބިތުވަނީ އެންމެ ކުއްޖެއްގެ މައްޗަށް ކަމަށް ކަނޑައަޅައިފައެވެ.

އޭގެ އިތުރުން އެ މައްސަލައިގައި ބަންދު ކުރި އަނެއް ދެކުދިންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކަނޑައަޅައި އެ ދެކުދިން ބަންދުން ދޫކޮށްލުމަށްވެސް އަމުރު ކޮށްފައިވެއެވެ. އަދި ކުށް ސާބިތުވާ ކުއްޖާ 16 އަހަރާއި ހަ މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމަށްވެސް ވަނީ ހުކުމްކޮށްފައެވެ.

އެކުއްޖާ ޖަލަށް ލުމަށް ހުކުމްކުރީ މަރުވި ކުއްޖާގެ ވާރިސުން މަރުގެ ދިޔަ ބޭނުންވާ ކަމަށް ބުނުމުން ކަމަށް ހުކުމުން އެނގެއެވެ. ނަމަވެސް މަރުގެ ދިޔަ ނަގައި ދިނުމާބެހޭ ގަވާއިދު އެއިރު އުވިފައި ވާތީ، ޖުވެނައިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ މަރުގެ ދިޔަ ހޯދަން ވާރިސުންނަށް ވަކިން ދައުވާ ކުރެވޭނެ ކަމަށެވެ.

މި މައްސަލަ ހައިކޯޓުން ބަލާފައި ވަނީ މި މައްސަލައިގައި ހުކުމް ކުރި ކުއްޖާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމުންނެވެ. މި މައްސަލައިގައި ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ، ޖުވެނައިލް ކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށްފައެވެ.