އެސްޓީއޯގެ ޑިޖިޓަލް ބޭންކު "އިވޯލްވް"އަށް ލައިސަންސް ނުދޭން މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ނިންމައިފިއެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން އެމްއެމްއޭގެ ސްޕޯކްސްޕާސަން، މުހައްމަދު ނާސިހު މިއަދު ވިދާޅުވީ، އެސްޓީއޯގެ ޑިޖިޓަލް ބޭންކުގެ ލައިސަންސްއާ ގުޅޭ ޖަވާބު މިދިޔަ މަހުގެ 19 ވަނަ ދުވަހު އެސްޓީއޯއަށް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ޓެކްނިކަލް އިވެލުއޭޝަން ރިޕޯޓް ފެއިލްވުމުން ބޭންކިން ގާނޫނުގެ ދަށުން އެސްޓީއޯއަށް ލައިސަންސް ނުދިނުމަށް އެމްއެމްއޭގެ ބޯޑުން ވަނީ ނިންމައިފައެވެ.

ޑިޖިޓަލް ބޭންކުގެ ލައިސަންސް ހޯދުމަށް އެސްޓީއޯއިން އެމްއެމްއޭގައި އެދިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ. ގާނޫނު ބުނާ ގޮތުން، ލައިސަންސަށް އެދި، ޑޮކިއުމަންޓުތައް ހުށަހަޅާތާ ތިން މަސްދުވަހުގެ ތެރޭގައި އެ ފަރާތަކަށް އެމްއެމްއޭ އިން ޖަވާބު ދޭންވާނެއެވެ.

ޑިޖިޓަލް ބޭންކަށް ލައިސަންސް ނުދޭން އެމްއެމްއޭއިން ނިންމި އިރު، އެސްޓީއޯއިން ވަނީ ބޭންކު ހުޅުވުމަށް ވާން ޖެހޭ ގިނަ ތައްޔާރީތަކެއް ވެފައެވެ. އެގޮތުން އެކަމަށް ބޭނުންވާ މުވައްޒަފުންނާއި ތަނާއި ފައިސާ ކަނޑައަޅައި، ބޭންކުގެ ނަންވެސް ވަނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައެވެ.

އެސްޓީއޯއިން ކުރިން ބުނެފައިވާ ގޮތުގައި ޑިޖިޓަލް ބޭންކުން ފަސް މިނެޓު ތެރޭގައި އަމިއްލައަށް އެކައުންޓު ހުޅުވައިލެވޭ އިރު، މިނެޓެއްގެ ތެރޭގައި ލޯނަށް އެޕްލައިކޮށް، ލޯނުގެ ފައިސާ އެކައުންޓަށް ޖަމާވާނެއެވެ.