މާލޭގައި ބިދޭސީ އަންހެނަކަށް ގެވެށި އަނިޔާކޮށް ވަރަށް ބޮޑަށް ޒަހަމް ކޮށްލި މައްސަލައިގައި އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

މާލޭގެ ގެއެއްގައި ބިދޭސީ އަންހެނަކަށް އޭނާގެ ފިރިމީހާ ގެވެށި އަނިޔާކޮށްފައިވާ ކަމުގެ މައްސަލައެއް މިއަދު ހެނދުނު 6:20ގައި ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މި މައްސަލައާ ގުޅިގެން 37 އަހަރުގެ އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޮފިސަރު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ދެ މީހުންވެސް ޒަހަމްވެފައިވާ ކަމަށެވެ. މި ދެ މީހުންނަކީ ދެމަފިރިންނެވެ.

މީގެ ތެރެއިން ބޮޑު ޒަހަމެއް ލިބިފައިވަނީ އަންހެން މީހާއަށް ކަމަށާއި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އޮފިސަރު ވަނީ ވިދާޅުވެފަ އެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އައިޖީއެމްއެޗުގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ހެނދުނު ވިދާޅުވީ އަނިޔާތަކާއެކު ގެންދިޔަ 26 އަހަރުގެ ބިދޭސީ އަންހެނަކަށް އެ ހޮސްޕިޓަލުގެ އިމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން އިތުރު ތަފުސީލެއް މިވަގުތު ހާމަ ކުރެވެން ނެތް ކަމަށްވެސް އޮފިސަރު ވަނީ ވިދާޅުވެފަ އެވެ.

ފުލުހުންގެ އެހީތެރިކަމާއެކު އަންހެންމީހާ އޭނާގެ ގެއިން ނިކުންނަތަނުގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯގައި އަންހެން މީހާގެ ރުއިމުގެ އަޑު އިވޭއިރު، އޭނާ ލައިގެން ހުރި ހެދުމުގެ ފަސްބައި އޮތީ ލެއިން ފޯވެފަ އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އަންހެންމީހާއަށް ހަމަލާދީފައިވަނީ ވަޅި ހަރައިގެންނެވެ. އަދި ފިރިހެން މީހާގެ ބަނޑަށްވެސް ވަނީ ވަޅި ހަރާފަ އެވެ. ނަމަވެސް ފިރިހެންމީހާ ގަޔަށް ވަޅި ހެރީ އަންހެން މީހާ ކަމެއް ނުވަތަ އޭނާ އަމިއްލައަށް ކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. ބަނޑަށް ވަޅި ހެރި ނަމަވެސް މާ ފުންކޮށް ވަޅި ހަރާފައި ނުވާކަމަށް މައުލޫމާތު ލިބެ އެވެ.