ނޫމަޑި މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭސިޓީގެ މިހާރުގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުގެ މައްޗަށް ކޮށްފައިވާ ދޮގު ބަޔާން ދިނުމުގެ ދައުވާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ކަންކަން ފުރިހަމަވާ ދއުވާއެއްނޫން ކަމަށްބުނެ އެއީ ބާތިލު ދައުވާއެއް ކަމަށް ކަމަށް ކަނޑައަޅައިދިނުމަށް ޑރ. މުއިއްޒުގެ ފަރާތުން ކޯޓުގައި އެދިއްޖެއެވެ.
ޑރ. މުއިއްޒުގެ ފަރާތުން މިގޮތަށް ކަނޑައަޅައިދިނުމަށް އެދުނީ ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އިބުތިދާއީ އަޑުއެހުމުގައެވެ. މި އަޑުއެހުމުގައި ޑރ. މުއިއްޒުގެ ދިފާއުގައި ހަތަރުކަމެއް، އޭނާގެ ވަކީލު އާދަމް ޝަމީމް ހުށަހެޅުއްވިއެވެ.
އެންމެ ފުތަމަ ހުށަހެޅުމަކީވެސް، އެ ދައުވާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ކަންކަން ފުރިހަމަ ނުވާ ދައުވާއެއްކަމަށް ބުނެ، އެއީ ބާތިލު ދައުވާއެއްކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދިވަޑައިގެން ހުށަހެޅުއްވި ހުށަހެޅުމެވެ. ވަކީލު ވިދާޅުވީ މުއިއްޒުގެ މައްޗަށް ކޮށްފައިވާ ދައުވާގައި އެބުނާ ކުށް އޭނާ ކުރައްވާފައިވަނީ ކޮން ތަނެއްގައިކަން ދައުލަތަށް ސާފުކޮށްދެވިފައި ނުވާ ކަމަށެވެ. އޭގެ އިތުރުން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުގެ ޔައުމިއްޔާއެއް ހާމަކުރުމުގެ އަމުރަކަށް އެދިވެސް ހުށަހެޅުއްވިއެވެ. ނަމަވެސް އެ ހުށަހެޅުން ދިފާއުން އަނބުރާ ގެންދިޔައެވެ.
މި މައްސަލަ މުއިއްޒުގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ޝަފަހީ ބައެއް ހެކީންނަކީ ގާނޫނު ބުނާގޮތުން، ޝަރީއަތަށް ގަބޫލު ކުރެވޭނެ ހެކިން ނޫންކަމަށް ކަނޑައަޅައިދިނުމަށްވެސް މުއިއްޒުގެ ފަރާތުން ހުށަހެޅިއެވެ.
ދިފާއުން ފާހަގަ ކުރި ކަންތައްތަކަށް މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ރައްދު ދެއްވައިފައެވެ.
ޑރ. މުއިއްޒުގެ މައްޗަށް ދައުވާކުރަނީ ޖޫން 25، 2019 ގައި ނޫމަޑިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލެންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި އެކުންފުނީގެ ހެކިވެރިޔަކަށް ވެ، ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލާ އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ އަދި ނޫމަޑިއަށް ލަގްޒަރީ ވިލާތަކެއް އިމާރާތް ކުރުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާ ކަމަށް ބުނެ، ދޮގު ބަޔާނެއް ދީފައިވާތީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު