ޖިންސީ ފުރައްސާރައިގެ ހަތް މައްސަލައެއްގައި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރާ ދައުވާގައި، އަލީ ވަހީދު ބޭރަށް ފުރި އިރު، އޭނާއާ ޖާމިނުވި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ، (އަޑުބަރޭ) ކޯޓު ހުރުމަތް ކެނޑުމުގެ ކުށުގައި 15 ދުވަހަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން މީގެ އިރުކޮޅެއް ކުރިން ހުކުމް ކޮށްފިއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި، އަލީ ވަހީދު މައްސަލައިގެ އަޑު އެހުމުގައި ޣައިރު ހާޒިރުގައި އަޑުބަރޭއަށް ހުކުމް ކުރައްވަމުން ގާޒީ ހަސަން ސައީދު ވިދާޅުވީ، އަލީ ވަހީދު ގެންނަން ކޯޓުން ކުރި އަމުރާ ގުޅިގެން، އޭނާ ގެނައުމަށް އަޑުބަރޭ ކުރި މަސައްކަތެއް އެނގެން ނެތް ކަމަށެވެ. އަދި 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނުގެނައުމަކީ ކޯޓުގެ އެންގުމަކާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ފަހަރުމަތިން ޖިންސީ ގޯނާކޮށް ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި އަލީވަހީދުގެ މައްޗަށް ދައުވާކޮށް ރާއްޖޭން ބޭރަށް އޭނާ ފުރުން ކުރިމިނަލް ކޯޓުން މަނާކޮށްފައި އޮތުމަށްފަހު، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފުރުމަށް އޭނާއަށް ހުއްދަ ދިނީ، އެނބުރި ރާއްޖެ އަންނާނެ ކަމުގެ ޔަގީން ކަމެއްގެ ގޮތުން ކޯޓުގައި އަޑުބަރޭ ޖާމިނު ކުރުމުންނެވެ.
އެ ހުއްދައިގެން ދަށުން އަލީ ވަހީދު އިނގިރޭސި ވިލާތަށް ދިޔައީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް އޭނާ ރާއްޖެ އައުމަށް ދިން ހަތަރު މަސްދުވަހުގެ މުއްދަތު ހަމަވެގެން ގޮސް މިއަދާ ހަމައަށް އައިއިރުވެސް އޭނާ ރާއްޖެ އައިސްފައެއްނުވެއެވެ.
އެކަމާ ގުޅިގެން 72 ގަޑިއިރު ތެރޭގައި އަލީވަހީދު ކޯޓަށް ހާޒިރު ކުރުމަށް 28 ނޮވެމްބަރު 2021 ގައި ކުރިމިނަލް ކޯޓުން އަޑުބަރޭއަށް އެންގިއެވެ. އަދި އެ މުއްދަތުގައި އޭނާ ހާޒިރު ނުވެއްޖެ ނަމަ އަޑުބަރޭއަށް ފިޔަވަޅު އަޅާނެ ކަމަށްވެސް އެންގިއެވެ. ނަމަވެސް އޭގެފަހުން، މައްސަލަ ބައްލަވާ ގާޒީ، ހަސަން ސައީދު ޗުއްޓީގައި ހުންނެވުމާއި، ކުރިމިނަލް ކޯޓު ރިސެސްއަށް ދިއުމާ ގުޅިގެން އެމައްސަލައިގެ އަޑުއެހުމެއް ބޭއްވިފައެއް ނުވެއެވެ.
މިއަދުގެ އަޑުއެހުމުގައި އަޑުބަރޭއަށް ހުކުމް އިއްވަވަމުން ގާޒީ ވިދާޅުވީ، އަލީ ވަހީދު ރާއްޖެ ނުގެނައުމަކީ ކޯޓުން އަންގާފައިވާ އެންގުމަކާ އަޑުބަރޭ ހިލާފުވުން ކަމަށެވެ. އަދި ކޯޓުގެ އެންގުމާ އެއްގޮތަށް އަމަލު ކުރުމުގެ ގަސްތެއް އަޑުބަރޭގެ ކިބައިގައި ނެތްކަން އެނގޭ ކަމަށާއި، އަލީ ވަހީދު ފިލައިގެން އުޅުމަށް ވާގިވެރިވެ، ކޯޓާ މެދު ނުބައި ތަސައްވަރެއް އުފެދޭ ގޮތަށް އަޑުބަރޭ އަމަލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އަލީ ވަހީދު ރާއްޖެ އައިސްފައި ނުވާތީ އޭނާގެ މައްސަލަތައް ކުރިިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ވަނީ ދަތި ވެފައެވެ.
އަލީ ވަހީދުގެ މައްސަލައެއްގައި، ސުޕްރީމް ކޯޓުން އެންގި އެންގުމަށް ހާޒި ނުވެގެން، ކޯޓުގެ ހުރުމަތްކެނޑި މައްސަލައިގައި އަލީވަހީދު ޖަލަށް ލުމަށް އެކޯޓުންވެސް މީގެ ކުރިން ވަނީ ހުކުމް ކޮށްފައެވެ. ހުސްވި 2021 ވަނަ އަހަރުގެ އޯގަސްޓް 11 ގައި ސުޕްރީމް ކޯޓުން އަލީވަހީދުގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.