ނެޝަނަލް ޓެންޑާ ބޯޑުގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ މަޝްހޫރު ގޯލްކީޕަރު އިސްމާއިލް ޒަރިޔަންދު ހިމެނޭގޮތަށް، 30 އަށްވުރެ ގިނަމީހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރު ކަމަށް ކުރިމަތި ލައިފިއެވެ.

އޭސީސީގައި ތިއްބެވި ހުރިހާ މެންބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަން މިހާރު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ. މެންބަރުން ކޮމިޝަނުން އިސްތިއުފާ ދެއްވީ، އެ ބޭފުޅުން މެންބަރުކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައި އެމަސައްކަތް ފެށުމާ ގުޅިގެންނެވެ.

ވަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އިތުރު ކުރި މުއްދަތު މިދިޔަ ހޯމަ ދުވަހަށް ހަމަވެފައިވާއިރު، 30 އަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލައިފައެވެ.

އޭގެ ތެރޭގައި ނެޝަނަލް ޓެންޑަ ބޯޑުގެ ޗެއާމަން ކަން ކުރެއްވި، އިސްމާއިލް ޒަރިޔަންދުގެ އިތުރުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ކުރީގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވެސް ހިމެނެ އެވެ. މީގެ އިތުރުން އޭސީސީގެ އިންވެސްޓިގޭޓަރުންގެ ގޮތުގައި ކުރިން މަސައްކަތްކުރި ބައެއް މީހުން ވެސް ކޮމިޝަންގެ މެންބަރުކަމަށް ވަނީ ކުރިމަތި ލައިފައެވެ.

އޭސީސީގެ ގާނޫނުގައިވާގޮތުން އެ ކޮމިޝަންގެ މެންބަރަކު އިސްތިއުފާދެއްވައިފިނަމަ 60 ދުވަސްތެރޭ އާ މެންބަރަކު އައްޔަންކުރަން ޖެހެއެވެ. އެހެންކަމުން އެ ކޮމިޝަނަށް އާ މެންބަރަކު އައްޔަންކުރަން ޖެހޭ މުއްދަތު ވެސް މިވަނީ ހަމަވެފައެވެ.

ހުސްވި އަހަރުގެ ފަހު ދައުރު ނިންމި ގޮތަށް ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮތުމަށްފަހު، މާދަމާ މަޖިލިސް މިއަހަރަށް ހުޅުވާނެ އެވެ. އެހެންކަމުން އާއްމު އުސޫލުން މަޖިލީހުގެ ޖަލްސާތައް އަންނަ ހަފުތާއިން ފެށިގެން ކުރިއަށްދާނެއެވެ.

އޭސީސީގެ މެންބަރުން ނެތުމުގެ މައްސަލައަކީ އެތައް ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައަަކަށްވާތީ، މަޖިލިސް ފެށިގެންދާއިރު އެންމެ އިސްކަމެއްގެ ގޮތުގައި، އޭސީސީއަށް މެންބަރުން އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދިނުން ހިމެނޭނެ ކަމަށް ވަނީ ބެލެވިފައެވެ.

ނަމަވެސް އޭސީސީގައި ތިއްބެވި މެންބަރުން އެކޮމިޝަނުން ވަކި ކުރުމުގެ މަސައްކަތް މަޖިލީހުން ފެށީ، ޗުއްޓީގައި އޮވެ ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވައިގެންނެވެ.