ހުޅުމާލެ ފޭސް އެކަކާއި ފޭސް ދޭއްގެ ރަށްވެހިކަމުގެ ހިދުމަތްތަކާއި އާއްމު ހިދުމަތްތައް މާލޭ ސިޓީ ކައުންސިލުގެ ދަށަށް ގެނައުމާއި، އޭގެ ދަށުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުނިސިޕަލް ސެކްޝަންގެ މުވައްޒަފުންނާއި ވެހިކަލްތަކާއި ބަޖެޓު ކައުންސިލަށް ހޯދުމަށް ސަރުކާރަށް ހުށަހަޅައިގެން މަސައްކަތްކުރުމަށް މާލޭ ސީޓީ ކައުންސިލުން ފާސްކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިގޮތަށް ފާސްކުރީ، އެ ކައުންސިލުގެ މިއަދުގެ ރަސްމީ ބައްދަލުވުމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ކަރުދާހަކަށް ބަހުސް ކުރުމަށްފަހުގައެވެ.
މި ކަރުދާސް ހުށަހަޅުއްވަމުން މޭޔަރު މުއިއްޒު ވިދާޅުވީ، ހުޅުމާލެ އާއި ވިލިމާލެއަކީ މަލޭ ސިޓީ އިހުތިސާސްގެ ތެރޭގައި ލާމަރުކަޒީ ގާނޫނުން ކަނޑައަޅާފައިވާ ބައެއް ކަމަށެވެ. އަދި ގާނޫނުއަސާސީގައި މާލެ ކަނޑައަޅާފައި ވަނީ، ހުޅުމާލެ އާއި ވިލިމާލެ ހިމެނޭ ގޮތުން ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން މާލޭ ސިޓީ ކައުންސިލުން މާލޭގައި ދޭ ހުރިހާ ހިދުމަތްތަކަކީ ހުޅުމާލޭގައިވެސް ދޭން ޖެހޭ ހިދުމަތްތަކެއް ކަމަށާއި، އެ ހުރިހާ މަސްއޫލިއްޔަތުތަކާއި ޒިންމާތަކެއް އެ ތަންތަނުގައި މާލޭ ސިޓީކައުންސިލުން ހަމަޖައްސަން ޖެހޭ ކަމަށެވެ. ނަމަވެސް މިހާތަނަށް ހުޅުމާލޭގައި އެކަންތައްތައް ހިންގޭ ގޮތް ވެފައި ނުވާ ކަމަށްވެސްް ވިދާޅުވިއެވެ.
މި ކަރުދާހަށް ވާހަކަދައްކަވަމުން ބައެއް ކައުންސިލަރުން ވިދާޅުވީ، މާލޭ ސިޓީ ކައުންސިލަށް މިއަހަރަށް ސަަރުކާރުން ދީފައިވަނީ 130 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. އަދި އެއާ އެއްހަމަ ބަޖެޓެއް ހަމައެކަނި ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ދިނުމަށް އެޗްޑީސީއަށް ކަނޑައަޅާފައިވާ އިރު، އެ ހިދުމަތްތައް އެއަށްވުރެ ހަރަދު ކުޑަކޮށް ސިޓީ ކައުންސިލަށް ފޯރުކޮށްދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ހުޅުމާލޭގެ މުނިސިޕަލް ސެކްޝަންގެ ހުރިހާ މުވައްޒަފުންނާއި ވެހިކަލްތަކާއި ބަޖެޓުވެސް ސިޓީ ކައުންސިލަށް ލިބެން ޖެހޭކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.
ހުޅުމާލެ ފޭސް އެކަކާއި ފޭސް ދޭއްގެ ރަށްވެހިކަމުގެ ހިދުމަތްތަކާއި އާއްމު ހިދުމަތްތައް މާލޭ ސިޓީ ކައުންސިލުގެ ދަށަށް ގެނައުމަށް ސަރުކާރަށް ހުށަހެޅުމާއި އެ ކަންތައްތަކާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މިއަދުގެ ބައްދަލުވުމުން ވަނީ ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު