އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑައިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރުގެ މަގާމަށް އެ ކުންފުނީގެ ކުރީގެ ބޯޑު މެމްބަރު ހާލިދް ހަސަން އަލް ހަމާދީ ހަމަޖައްސައިފިއެވެ.

ހާލިދަކީ ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ގަތަރުގެ ރައްޔިތެކެވެ. ހާލިދު ވަނީ އުރީދޫ މޯލްޑިވްސް ބޯޑު މެންބަރެއްގެ މަގާމާއި އުރީދޫ ގަތަރުގެ ކޮންސިއުމާ ސޭލްސްގެ ސީނިއާ ޑައިރެކްޓަރު އަދި ޕްލޭނިން އެންޑް ޑިވެލޮޕްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވައިފައެވެ.

މީގެ އިތުރުން ތެލާއި ގޭސް ސިނާއަތުގައި 15 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ އިރު، އިޓަލީގެ ޖެނެރަލް އިލެކްޓްރިކް ފްލޮރެންސްގެ ހެޑް އޮފް ޕްލޭނިން އެންޑް ސްޓްރެޓެޖީގެ މަގާމުގައި މަސައްކަތް ކުރައްވާފައިވެއެވެ. އަދި އެ ކުންފުނީގެ ސޭލްސް އެންޑް ސާވިސްގެ ރީއޯގަނައިޒޭޝަން އިނިޝިއޭޓިވްގެ ކަންތައްތައް ތަންފީޒުކުރުމުގައި ހާލިދު ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވައިފައެވެ.

ހާލިދަކީ މެނޭޖްމަންޓް، ކްރިއޭޓިވް އިނިޝިއޭޓިވްސް، ދެމެހެއްޓެނިވި ކުރިއެރުން، ޕްރޮސެސް ތަންފީޒުކުރުން، އަދި ތަފާސް ހިސާބުތައް ދިރާސާކުރުމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ސާޓިފައިޑް ކޮލިޓީ އޮޑިޓާއެއްގެ އިތުރުން ސާޓިފައިޑް ޓްރެއިނިން މެނޭޖަރެއް ކަމަށް އުރީދޫން ބުންޏެވެ. ހާލިދު ވަނީ ޔުނިވާސިޓީ އޮފް އެރިޒޯނާ އިން ބެޗެލާ އޮފް ސައިންސް އިން ސިސްޓަމް އިންޖިނިއަރިން ހާސިލުކުރައްވައިފައެވެ.

ހާލިދް ހަސަން އުރީދޫއާ ގުޅިވަޑައިގެންނެވީ މީގެ 12 އަހަރު ކުރިން 2010 ވަނަ އަހަރެވެ.

މީގެ ކުރިން އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި ހުންނެވީ ނަޖީބް ހާނެވެ. އޭނާ އެމަގާމަށް އައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ.