ސްރީލަންކާގައި ކިޔަވާ ދިވެހި ކުދިންގެ ވިސާ ފީ މައާފުކޮށްދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
ރައީސް ސޯލިހު މިކަމަށް އެދިވަޑައިގެންނެވީ ލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އާދަމް މަޒްވަރީ ޖައުފަރު ސާދިގާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މީގެ ކުރިން ވެސް ރައީސް ވަނީ ލަންކާގައި ކިޔަވާ ކުދިންގެ ފީ މައާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
އެ ބައްދަލުކުރެއްވުމުގައި ވަނީ ރާއްޖެއާއި ލަންކާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާކުރައްވައިފައެވެ.
ރައީސް އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުމުގައި، ލަންކާގައި ދިރިއުޅޭ 18 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށް ވިސާ ފީ މައާފުކޮށްދިނުމަށް ދިވެހި ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ލަންކާގެ ސަރުކާރުން ނިންމަވައިދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި ކަމަށެވެ. އަދި އެކަމަކީ ލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ކޮވިޑް ކޮންޓްރޯލް ކުރުމަށް އެއްބާރުލުން ދިނުމާ ގުޅޭ މަޝްވަރާތައްވެސް ކުރައްވައިފައެވެ.
ދިވެހިން އެންމެ ގިނަ އަދަދަކަށް ދިރިއުޅޭ ގައުމަކީ ލަންކާއެވެ. އެގައުމުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ދަރިވަރުންވެސް އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ.
ސްޓޫޑެންޓް ވިސާ އާއި މެޑިކަލް ވިސާ އަދި އެމްޕްލޯއިމަންޓް ވިސާގައި ލަންކާއަށް ދާ މީހުންގެ އަތުން އަހަރަކަށް ނުވަތަ އެ ގައުމުގައި ހުންނަ މުއްދަތަކަށް 200 ޑޮލަރުގެ ފީއެއް ނަގައެވެ.
ރާއްޖެއާއި ލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 26 ޖުލައި 1965 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު