ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަނުކުރަން ޑިފެންސް މިނިސްޓްރީން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ކަނޑައެޅުއްވި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް އަންނަ ހަފުތާގައި ފެށުމަށް ހައިކޯޓުން ނިންމައިފިއެވެ.

މިމައްސަލައިގެ އަޑުއެހުމެއް ހައި ކޯޓްގައި ތާވަލުކޮށްފައި ވަނީ މިމަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.

"ދިޔަރެސް" ނޫހުގެ ފަރާތުން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދާއި އެ ސިފައިންނަށް ދައުލަތުން ކުރާ ހަރަދުގެ ތަފްސީލު ހޯދަން ޑިފެންސް މިނިސްޓްރީގައި އެދުނެވެ. ނަމަވެސް މި މައުލޫމާތު ހިއްސާކުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތެއް ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

އެކަމަށް ގޮތެއް ނިންމުމަށް އައިކޮމް އިން ބޭއްވި އަޑުއެހުމުގައި އެއިރުގެ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު ވިދާޅުވެފައިވަނީ ޑިފެންސް މިނިސްޓްރީގެ މުރާޖާ ކޮމިޓީން ނިންމާފައިވާ ނިންމުމަކީ ގާނޫނާ އެއްގޮތުގެ މަތީން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުން ބަދަލުކުރަން ނުޖެހޭ ކަމަށާއި އެ ނިންމުން ރަނގަޅު ކަމަށްވެސް ވިދާޅުވިއެވެ.

އެ ނިންމުން ދިޔަރެސް ނޫހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު 24 ގައެވެ.

މި މައްސަލައިގެ އަޑު އެހުން އެންމެ ފުރަތަމަ ތާވަލުކުރީ މިދިޔަ އަހަރުގެ މާޗު 22 އަށެވެ. އެ ދުވަހުގެ އަޑު އެހުން ވަނީ ކެންސަލްކޮށްފައެވެ. އޭގެ ފަހުން މާޗް މަހުގެ 31 ވަނަ ދުވަހަށްވެސް އަޑުއެހުމެއް ތާވަލުކުރިއެވެ. ނަމަވެސް އެ އަޑުއެހުންވެސް ވަނީ ކެންސަލްކޮށްފައެވެ.