ޚަބަރު

މީރާއަށް 12.7 މިލިއަން ޑޮލަރު ދައްކަން އެގްޒޮޓިކް ޕްރޮޕަޓީސްއަށް ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

އިބްރާހިމް ޒަކީ

ނ. ރާފުށީގެ މައްސަލައިގައި މީރާއަށް 12.7 މިލިއަން ޑޮލަރު ދައްކަން އެގްޒޮޓިކް ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސިވިލް ކޯޓުުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

މި މައްސަލައަކީ، އެގްޒޮޓިކް ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އާޓްސް އެންޑް ކަލްޗާއާ ދެމެދު 13 ޑިސެންބަރު 2010 ގައި ވެފައިވާ ލީސް އެގްރިމަންޓްގެ ދަށުން، ނ. ރާފުށީގެ ކުލީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ 2.6 މިލިއަން ޑޮލަރު ދައްކާފައި ނުވާތީ އާއި، އެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާތީ، ޖޫރިމަނާގެ ގޮތުގައި 10 އޭޕްރީލް 2017 (ކޯޓަށް މައްސަލަ ހުށަހެޅި ތާރީހު) އާ ހަމައަށް އަރާފައިވާ 10.1 މިލިއަން ޑޮލަރާއެކު 12.7 މިލިއަން ޑޮލަރު ދައްކައި ހަލާސްކުރުމާ ހަމައަށް އަރަމުންދާ ޖޫރިމަނާއާއެކު، ޝަރީއަތް މެދުވެރިކޮށް ދައުލަތުން އެކީ އެއްފަހަރާ އެ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެގްޒޮޓިކް ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުގައި ކޮށްފައިވާ ދައުވާއެކެވެ.

މި މައްސަލަ ބެލުމަށްފަހު ނ. ރާފުށީގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި، ޖުމުލަ 12.7 މިލިއަން ޑޮލަރާއި، އެ ފައިސާ ދައްކައި ހަލާސްކުރުމާ ހަމައަށް އަރަމުންދާ ޖޫރިމަނާއަކީ، އެގްޒޮޓިކް ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅައި، ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދެއްކުމަށް ސިވިލްކޯޓުން ވަނީ 8 މެއި 2018 ގައި ހުކުމް ކޮށްފައެވެ.

ނަމަވެސް ސިވިލް ކޯޓުގެ އެ ހުކުމަކީ ގާނޫނީ އުސޫލުތަކާއި ހަމަތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއްކަމުގައި ކަނޑައަޅައިދިނުމަށް އެދި އެ ހުކުމް ބާތިލުކޮށްދިނުމަށް އެގްޒޮޓިކް ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ.

މި މައްސަލަ ބަލައި، ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ، އެކުންފުނިން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ ހުކުމް ބާތިލުކުރަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ކަނޑައަޅާ ކަމަށެވެ.

އެހެންކަމުން ސިވިލްކޯޓުގެ ހުކުމަށް ތާއީދުކޮށް އެ މައްސަލައިގެ ހުކުމްކުރާ ކަމަށްވެސް ބުނެފައިވެއެވެ.