ބަންގުލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިއާ އެޑްމިރަލް މުހައްމަދު ނަޒްމުލް ހަސަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ބަންގުލަދޭޝްގެ ސަފީރު، ސަފީރުކަމުގެ ދައުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތް ފާހަގަކުރައްވައި ތައުރީފުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ކުރިމަގުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވައިފައެވެ.
މީގެ އިތުރުން އިންސާނީ ވަސީލަތް ކުރިއަރުވައި ތަރައްގީކުރުމާއި މަތީ ތައުލީމާއި ސިއްހީދާއިރާއާއި އިގުތިސާދީ ދާއިރާއިން އެއްބާރުލުންދިނުން ފަދަ ސަރުކާރުން އިސްކަންދޭ މުހިންމު ކަންކަމުގައި ބަންގުލަދޭޝް ސަރުކާރުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި ބަންގުލަދޭޝް ސަފީރަށް ރައީސް ވަނީ ތައުރީފު ކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ބަންގުލަދޭޝްގެ ސަފީރު ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ބަންގުލަދޭޝްގެ ރައްޔިތުންނަށް ކޮވިޑް-19 ޕެންޑަމިކްގައި ދިވެހި ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައިފައެވެ. އަދި ދިވެހި ސަރުކާރުން ބަންގުލަދޭޝްގެ ރައްޔިތުންނަށް 201،600 އެސްޓްރާޒެނެކާ ވެކްސިން ޑޯޒް ހަދިޔާކުރައްވާފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ސަފީރު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ލީޑަރުންނާއި ސަރުކާރު ތަމްސީލުކުރައްވާ ބޭފުޅުން ދެ ގައުމަށް ކުރެއްވި ދަތުރުފުޅުތައް ފާހަގަކުރައްވައި އޭގެ ސަބަބުން ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައިފައެވެ.
ދިވެހިރާއްޖެއާއި ބަންގުލަދޭޝްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ ސެޕްޓެމްބަރު 22، 1978 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު