ކަށިމާ ހިނގުމާއި ބުރުޒުމަގާ ގުޅުނު ކަންމަތީގައި ޕާކު ކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުން އެއް ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އިއްޔެގެ ވަގުތެއްގައި ކަށިމާ ހިނގުމާއި ބުރުޒުމަގު ގުޅުނު ކަންމަތީގައި ޕާކު ކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށާއި އެކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 9:06ގައި ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަން ހިނގައި ދިޔަގޮތް އެނގޭ މީހަކު "ވަން" އަށް މިއަދު ބުނީ އިއްޔެ ހެނދުނު ސައިކަލެއްގައި ދިޔަ މީހަކު ސައިކަލު ޕާކު ކުރުމަށްފަހު ޑރ. ޑީޑީ ޑެންޓަލް އަށް ވަތް ކަމަށެވެ. އޭގެ އިރުގަނޑެއްފަހުން އޭނާ ނިކުމެ ސައިކަލުގެ މަޑިދަށް ފަޅާލާފައިވާ ކަމަށް ބުނެ އެ ސަރަހައްދުގައި ތިބި މީހުން ގާތުން ވައްކަން ކުރި މީހާ އެނގޭތޯ ސުވާލު ކުރި ކަމަށެވެ.

ނަމަވެސް އެވަގުތު އެސަރަހައްދުގައި ތިބި އެއްވެސް މީހަކަށް އެކަން ފާހަގަ ނުވާ ކަމަށް ބުނުމުން އޭނާގެ މަޑިދަށުގައި ހުރި 130،000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ބުނި ކަމަށެވެ. އަދި އެ ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހުރިތޯ ބަލައި ފުލުހުންނަށް މައްސަލަ ހުށަހެޅި ކަމަށެވެ.

މި މައްސަލާގައި މިހާތަނަށް އެއްވެސް ފައިސާއެއް ފެނުނު ކަމެއް އަދި މީހަކު ހައްޔަރުކުރިކަމެއް ވަނީ ސާފުވާ ގޮތެއް ނުވެފަ އެވެ.