ޚަބަރު

އާޒިމާއަށް ކުރާ ދައުވާތަކުގެ އަޑުއެހުން ކެންސަލްކޮށްފި

މުހައްމަދު އިޝާން

ކުރީގެ އެޓާނީ ޖެނެރަލް އަދި ރައީސް އޮފީހުގެ މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ކުރާ ދެ ދައުވާގެ އަޑުއެހުން ކެންސަންކޮށްފިއެވެ.

އާޒިމާގެ ޝަރީއަތް ތާވަލުކޮށްފައި އޮތީ މިއަދު 11:00 ޖަހާއިރަށެވެ. ކުރިމިނަލް ކޯޓުން މިއަދު ބުނީ، އެ މައްސަލައިގެ އަޑުއެހުން ކެންސަލްވެފައިވާ ކަމަށެވެ. ޝަރީއަތް ކެންސަލްވި ސަބަބު ކުރިމިނަލް ކޯޓަކުން ނުބުނެއެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ދައުލަތުގެ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާއެވެ. އާޒިމާގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފައި ވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ 17 ވަނަ ދުވަހުއެވެ. އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ މަނީލޯޑަރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެއެވެ.

މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކޮށް، އެ ފައިސާ އަސްލު އޮޅުވާލަން މަސައްކަތް ކުރި ކަމަށް ބުނެއެވެ.

މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެދުވަހު ވަނީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ނިންމާލައިފައެވެ.

މި މައްސަލަ ކުރިމިނަލް ކޯޓުގައި އެންމެ ފުރަތަމަ ބެއްލެވީ ގާޒީ އަހުމަދު ހައިލަމެވެ. ނަމަވެސް ހައިލަމް މަގާމުން ވަކިކުރުމުން އެ މައްސަލައާ ފަހުން ހަވާލުވެވަޑައިގެންނެވީ ގާޒީ ހަސަން ސައީދެވެ.

ނަމަވެސް ގާޒީ ހަސަން ސައީދު ވަނީ މައްސަލައިން ތަނާޒުލްވެވަޑައިގެންފައެވެ. ގާޒީ ތަނާޒުލްވެޑައިގަތް މައްސަލަ އާޒިމާގެ ވަކީލުންގެ ފަރާތުން ވަނީ ހައި ކޯޓަށް ހުށަހަޅައިފައެވެ. މިހާރު އެމައްސަލައާ ހަވާލުވެވަޑައިގެންފައި ވަނީ ގާޒީ އަލީ އާދަމެވެ.

ދައުވާތަކާ ގުޅިގެން މީގެ ކުރިން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އާޒިމާ ވިދާޅުވެފައިވަނީ ރައީސް އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރުކަމުގައި އޭނާގެ ކުރިން ހުންނެވީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ކަމަށާއި އެ މައްސަލާގައި ބިޝާމްގެ މަސްލަހަތު ހިމެނޭ ކަމަށެވެ. ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ފައިސާ ޖަމާކުރިއިރު އެ މަގާމުގައި ހުންނެވީ ބިޝާމް ކަމަށާއި އެކަންކަމުން ރެކިގަތުމަށްޓަކައި އޭނާގެ މައްޗަށް ދައުވާތަކެއް ކުރަން ބިޝާމް ނިންމެވީ ކަމަށް އާޒިމާ ވިދާޅުވިއެވެ.

އަޒީމާގެ މައްސަލަ ކުރިމިނަލް ކޯޓަށް ހުށެހެޅިއިރު ޕީޖީއަކަށް ހުންނެވީ ބިޝާމްއެވެ.