އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މެންބަރަކު އައްޔަންކުރަން ޖެހޭ މުއްދަތު ހަމަވެއްޖެއެވެ. އޭސީސީގެ ގާނޫނުގައިވާގޮތުން އެ ކޮމިޝަންގެ މެންބަރަކު އިސްތިއުފާދެއްވައިފިނަމަ 60 ދުވަސްތެރޭ އާ މެންބަރަކު އައްޔަންކުރަން ޖެހެއެވެ.
އޭސީސީގެ މެންބަރަކު އެންމެ ފުރަތަމަ އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހުއެވެ. މެންބަރުކަމުން އިސްތިއުފާ ދެއްވީ އަލީ އަޝްރަފުއެވެ. އޭނާ މެންބަރުކަމުން އިސްތިއުފާދެއްވިތާ 60 ދުވަސް ހަމަވެފައިވަނީ އިއްޔެއަށެވެ.
އަޝްރަފު އިސްތިއުފާ ދިނުމުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ. މިދިޔަ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހު ވެސް ރައީސް އޮފީހުން ވަނީ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވައިލައިފައެވެ. އަދި މިމަހުގެ 16 ވަނަ ދުވަހު ރައީސް އޮފީހުން ވަނީ އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
ގާނޫނުގައިވާގޮތުން އޭސީސީގައި ފަސް މެންބަރުން ތިބެން ޖެހެއެވެ. ނަމަވެސް މިހާރު އޭސީސީގައި އެއްވެސް މެންބަރަކު ނެތުމުގެ ސަބަބުން އެ ކޮމިޝަން ވަނީ ގާނޫނީ ހުސްކަމެއްގައެވެ. އޭސީސީއަށް ހުށަހަޅާ މައްސަލަތައް ބެލުމާ މެދު ގޮތެެއް ނިންމާނީ މެންބަރުންގެ ވޯޓުންނެވެ.
އޭސީސީގެ މަސައްކަތްތައް އެންމެ އެދެވޭ ސްޕީޑުގައި ކުރިއަށް ނުދާކަމަށް ފެންނާތީ އާއި އޮޑިޓް އޮފީހުން ހެދި ޕާފޯމަންސް އޮޑިޓުން ވެސް އެގޮތަށް ދައްކާ ކަމަށް ބުނެ، އޭސީސީގައި ތިއްބެވި ހުރިހާ މެންބަރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި ވަނިކޮށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ހުށަހެޅުމުން، އޭސީސީގެ މެންބަރުން ވަނީ މިދިޔަ މަހުގެ ފަހުކޮޅު މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
ޚަބަރު
ޚަބަރު