ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް މިދިޔަ މަހު އިތުރުވެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ ނޮވެންބަރު މަހު ޖެންޑާއަށް ހުށަހަޅާފައިވަނީ ޖުމުލަ 184 މައްސަލައެވެ. ނަމަވެސް މިދިޔަ މަހު އެ މިނިސްޓްރީއަށް 220 މައްސަލަ ހުށަހަޅާފައިވެއެވެ.

މިދިޔަ މަހު ޖެންޑާއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތްތަކުގެ އަނިޔާގެ މައްސަލައެވެ. އެގޮތުން އެފަދަ 104 މައްސަލައެއް ހުށަހަޅާފައިވެއެވެ. އޭގެ ކުރީ މަހު ހުށަހަޅާފައިވަނީ އެފަދަ 84 މައްސަލައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 27 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

މި ބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 23 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 20 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 16 މައްސަލަ، ނަފްސާނީ ހާނިއްކައިގެ އަށް މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ހަ މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ ދެ މައްސަލަ، އަހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ މައްސަލައަކާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ މައްސަލަ ހުށަހަޅާފައިވެއެވެ.

މިދިޔަ މަހު ޖެންޑާއަށް ވަނީ އާއިލީ މައްސަލަަތަކުގެ ގޮތުގައި 24 މައްސަލައެއް ހުށަހަޅައިފައެވެ. އެއީ ހަޟާނާތު ނުވަތަ ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ ދހަ މައްސަލައަކާއި ކުދިން ބެލުމުގައި ޖެހޭ ހަތް މައްސަލަ އަދި ދަރިންގެ ހަރަދު ދިނުމުގައި ޖެހޭ ހަތް މައްސަލައެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 48 މައްސަލަ މިދިޔަ މަހު ޖެންޑާއަށް ހުށަހަޅާފައިވެއެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ. އެގޮތުން އެފަދަ 24 މައްސަަލައެއް ހުށަހަޅާފައިވެއެވެ.

ޖެންޑާއަށް މިދިޔަ މަހު ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 12 މައްސަލަ ހުށަހަޅާފައިވާ އިރު، އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ ދިހަ މައްސަލަ ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 13 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވެއެވެ.