ކްރިމިނަލް ކޯޓް

ފުއްގިރި އާއި އާރަށު މައްސަލައިގައި ރައީސް ޔާމީނަށް ހުކުމް ކުރުން ޖޫން 30 އަށް އަވަސްކޮށްފި

އިބްރާހިމް ޒަކީ

ރ. ފުއްގިރި އާއި، ވ. އާރަށް ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވުން އަންނަ ޖޫން މަހުގެ 30 ވަނަ ދު ވަހު ބާއްވަން ހަމަޖައްސައިފިއެވެ.

އެ ދެ މައްސަލައިގެ ހުކުމް އިއްވުން މިހާރު އެއްދުވަހަކަށް ކުރިމިނަލް ކޯޓުން ހަމަޖައްސާފައިވާކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީގައި ހިމެނިވަޑައިގަންނަވާ ވަކީލު އާދަމް އާސިފް ވަނީ ވަން އަށް މިއަދު ކަށަވަރު ކޮށްދެއްފައިވައެވެ.

އޭނާ ވިދާޅުވީ އާރަށު މައްސަލައިގެ ހުކުމް އިއްވުން ނޮވެމްބަރު 25 ހުގައި ބާއްވަން ކުރީން އޮތް ނަމަވެސް އެ މައްސަލައިގެ ހުކުމް އިއްވުން މިހާރު ޖޫން 30 އަށް ހަމަޖައްސާފައިވާ ކަމަށެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ހިޔާނާތުގެ ދެ ދާއުވާއެއް ދައުލަތުން ކޮށްފައިވެއެވެ.

އެއީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރިން ބުނެފައިވާ ގޮތުން، ރައީސް ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 (އެއް މިލިއަން އެއްލައްކަ ސަތާރަ ހާސް) އެމެރިކާ ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފަ އެވެ.

އެ މައްސަލައިގެ ތެރެއިން ޖުމުލަ 38،334،560 (ތިރީސް އަށް މިލިއަން ތިން ލައްކަ ތިރީސް ހަތަރު ހާސް ފަސް ސަތޭކަ ފަސްދޮޅަސް) އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދަން މަސައްކަތް ކުރާނެ ކަމަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެ އެވެ.

އެއީ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 (އެއް މިލިއަން ތިން ލައްކަ ސާޅީސް ނުވަ ހާސް އަށް ސަތޭކަ އަށްޑިހަ ފަސް) އެމެރިކާ ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 (ދެ މިލިއަން ދެ ލައްކަ ނުވަދިހަ ފަސް ހާސް ދުއިސައްތަ ފަންސާސް) އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 (ތިރީސް ހަތަރު މިލިއަން ހަ ލައްކަ އަށްޑިހަ ނުވަ ހާސް ހަތަރު ސަތޭކަ ފަންސަވީސް) އެމެރިކާ ޑޮލަރެވެ.

ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައި ވެސް ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ކޮށްފައެވެ.

އެ ދައުވާގައި ބުނެފައިވަނީ ރިސޯޓެއް ގޮތުގައި ތަރައްގީ ކުރުމަށް އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.