ރައްޔިތުންގެ ކުންފުނި އެމްޓީސީސީއަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އެކި ދާއިރާތަކުން މީހުން ތަމްރީނު ކޮށް ބިނާ ކުރުމަށް ކުރިއަށް ގެންދާ "ހުނަވަރު އެޕްރެންޓިސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ފަށަން އެކުންފުނިން ތައްޔާރު ވެއްޖެއެވެ.
އެމްޓީސީސީން ކުރިއަށް ގެންދާ ހުނަވަރު ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގައި އެކުންފުންޏަށް މުވައްޒަފުން ބޭނުންވާ އެކި ދާއިރާތަކުން ޓެކްނިކަލް މަގާމުތަކަށް 140 ދިވެހީން ތަމްރީނު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގައި ބައިވެރިންނަށް ތިން މަސްދުވަހުގެ ޕްރޮފެޝަނަލް ތަމްރީނު ދޭން ނިންމާފައިވާއިރު އެ ތިން މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު 5000 ރުފިޔާގެ އެލެވެންސެއް ދޭންވެސް އެކުންފުނިން ވަނީ ނިންމާފައެވެ. އަދި ބައެއް ދާއިރާތަކަށް ރާއްޖެއިން ބޭރުންވެސް ބައިވެރީންނަށް ތަމްރީނު ދޭން އެކުންފުނިން ވަނީ ނިންމާފައެވެ.
އެމްޓީސީސީގެ ސީއީއޯ އާޒިމް އާދަމް މީޑިއާ ތަކާއި ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ މި ޕްރޮގްރާމް ތަކުގެ މަގުސަދަކީ ވަޒީފާގެ ދާއިރާއަށް ތަޖުރިބާ ލިބިފައިވާ ދިވެހި މަސައްކަތްތެރިން ބިނާ ކުރުން ކަމަށާއި ދިވެހީންނަށް ރާއްޖޭގެ އެކި ހިސާބުތަކުން ވަޒީފާގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. އަދި އަންހެނުން ބާރުވެރި ކުރުމަށް އެ ކަނބަލުންނަށް ވެސް ޓެކްނިކަލް ދާއިރާއަށް ތަމްރީނު ދެވޭނެ ކަމަށާއި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަ ކުރާ ފަރާތްތައް އެކުންފުނިން "ބޮޑު މުސާރަ" ލިބޭ ވަޒީފާތަކަށް ހަމަޖައްސައިދެވޭނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
"ތަމްރީނު ނިމި ވަޒީފާތަކަށް ހޮވޭ ކުދީން ރަނގަޅަށް މަސައްކަތް ކޮށްފިއްޔާ 10،000 އާއި 25،000 ދެމެދު މުސާރަ ލިބޭ ވަޒީފާތަކެއް މީ. މޮޅު އެކްސްކަވޭޓަރ އޮޕަރޭޓަރަކަށް އެމްޓީސީސީން 25،000 މުސާރައިގެ ގޮތުގައި ލިބޭ." އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ މިހާރުވެސް އެކްސްކަވޭޓަރު އޮޕަރޭޓަރުންގެ ގޮތުގައި ބިދޭސީ 280 އަށްވުރެ ގިނަ މުވައްޒަފުން އެކުންފުނީގައި އެބަތިބި ކަމަށާއި ބިދޭސީން ނަގަން ޖެހެނީ ވަޒީފާތަކަށް ތަމްރީނު ލިބިފައި ތިބި ދިވެހިން ނުލިބޭތީ ކަމަށެވެ. އަދި ބޮޑު އެލަވަންސެއް ދީގެން މަގާމުތަކަށް މީހުން ތަމްރީނުކުރަން ނިންމާފައިވަނީ މިކަމަށް ގިނަ ފަރާތްތަކެއްގެ ޝައުގުވެރިކަން އުފައްދަން ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ އިތުރުންވެސް އަންނަ ޖުލައި މަހުގައި އެކުންފުނީގެ ބަސް ފްލީޓަށް ބަސްތައް އިތުރުކުރަން މަސައްކަތް ކުރަމުން އަންނައިރު އިތުރު މުވައްޒަފުން ނަގަން ހަމަޖެހިފައިވާ ކަމަށާއި ބަސް އޮޕަރޭޝަންގެ ވަޒީފާތަކަށް އަންހެނުންނަށް އިސްކަން ދޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ގުޅޭ ދާއިރާތަކުން ފުރުސަތު ހުޅުވާލާފައި އެބައޮތް ކަމަށް އާޒިމް ވިދާޅުވިއެވެ.
މިދިޔަ އަހަރު ޕްރޮގްރާމް އައްޑޫ އަދި ފުވައްމުލަކުގައި ވަނީ ކުރިއަށް ގެންދެވިފައެވެ. އެގޮތުން އެޕްރޮގްރާމްގެ ތެރެއިން ކާމިޔަބުކަމާއެކު ތަމްރީނުކުރެވި އަދި ލައިސެންސް ލިބި އެކުންފުނީގެ މުވައްޒަފުންގެ ގޮތުގައި 14 ފަރާތެއް މިހާރުވެސް ވަޒީފާ އަދާކުރަމުން އެބަދެއެވެ. މިއަހަރު ފުރަތަމަ ކުއާޓަރުގައި މިޕްރޮގްރާމްގެ އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށި، ލ. ފޮނަދޫ އަދި މާލޭގައެވެ. މިގޮތުން ފެބުރުއަރީ 4 ގައި ހދ. ކުޅުދުއްފުށި، ފެބްރުއަރީ 5 ގައި މާލެ، އަދި ފެބްރުއަރީ 6 ގައި ލ. ފޮނަދޫގައި އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. މި ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު ކުންފުނީގެ ސޯޝަލް މީޑިއާގައި ޝާއިޢުކުރެވޭނެ ކަމަށާއި ކުންފުނީގެ ހޮޓްލައިން 1650 އިންވެސް މައުލޫމާތު ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެެވެ.
ޚަބަރު
ޚަބަރު
ޚަބަރު