ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ މާދަމާއިން ފެށިގެން ވަގުތީ ގޮތުން ޓެކްސީވޭއެއްގެ ގޮތުގައި ބޭނުން ކުރަން ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.
ވީއައިއޭ ބަލަހައްޓާ، އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވަން އަށް މިއަދު ވިދާޅުވީ އެއާޕޯޓު ރަންވޭގެ އޮފަރޭޝަންސްތައް އަވަސް ކުރުމަށް މާދަމާއިން ފެށިގެން އާ ރަންވޭ ވަގުތީގޮތުން ބޭނުންކުރަން ނިންމާފައިވާ ކަމަށާއި މިވަގު ބޭނުންކުރަން ނިންމާފައިވަނީ ޓެކްސީވޭއެއްގެ ގޮތުގައި މިހާރުގެ ރަންވޭގައި ބޯޓު ޖެއްސުމަށް ފަހު އަނބުރާލާފައި ޕާކު ކުރަން ދާން ބޭނުން ކުރާ މަގެއްގެ ގޮތުގައި ކަމަށެވެ.
އަރީފް ވިދާޅުވީ މިއަހަރުގެ ފަހުކޮޅަށް އާ ރަންވޭ ރަސްމީކޮށް ބޭނުން ކުރަން ފަށަން ނިންމާފައިވާ ކަމަށާއި ރަންވޭ ރަސްމީކޮށް ހުޅުވުން ގުޅިފައި އޮތީ ވީއައިއޭގެ އާ ސީޕްލޭން ޓާމިނަލާ ކަމަށެވެ. އެގޮތުން އާ ރަންވޭ ބޭނުން ކުރަން ބަލާއިރު ޓީއެމްއޭއިން މިހާރު ބޭނުންކުރާ އިމާރާތް ތަޅާލަން ޖެހޭ ކަމަށާއި، އާ ސީޕްލޭން ޓާމިނަލް ބޭނުން ކުރަން ފެށުމުން އެކަމަށް ހައްލެއް ލިބިގެން ދާނެ ކަމަށް ވެސް އަރީފް ވިދާޅުވިއެވެ.
އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގައި 65 މީޓަރުގެ ހުރެއެވެ. ރަންވޭއަށް ފުރަތަމަ ޓެސްޓު ފްލައިޓު ޖެއްސީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 18 ވަނަ ދުވަހުއެވެ. އޭގެ ފަހުން ތިން އަހަރު ވެގެން ދިޔައިރު ވެސް އާ ރަންވޭ ރަސްމީކޮށް ބޭނުން ކުރަން ފަށާފައި ނުވިނަމަވެސް މީގެ ކުރިންވެސް އެ ރަންވޭ ފްލައިޓް ޕާކް ކުރަން ވަނީ ބޭނުން ކޮށްފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހެދި އެ ރަންވޭއަކީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިން ހަދާފައިވާ ރަންވޭއެކެވެ. އެއީ 3,400 މީޓަރު ދިގު އަދި 60 މީޓަރު ފުޅާ ރަންވޭއެކެވެ. އެ ރަންވޭގައި އެންމެ ބޮޑެތި ބޯޓު ފަހަރަށް ޖެއްސޭނެ އެވެ.
ވީއައިއޭގައި އެންމެ ރަންވޭއެއް އޮތުމުން، ފްލައިޓުތައް ޖައްސަން ޖާގަ ނުލިބި، އެތައް ގަޑިއިރެއް ވަންދެން ފްލައިޓުތައް ވައިގެ ތެރޭގައި ދުއްވަން ޖެހެއެވެ. އެހެން ދިމާވުމުން އެއާލައިންތަކުން ތެލަށް ކުރަން ޖެހޭ ހަރަދު އެތައް ގުނައެއް އިތުރުވެގެން ދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު