އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ކުއާޓާ ފައިނަލްގައި މޮރޮކޯ ބަލިކޮށް، މިސްރުންގެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުބާރާތް ރެކޯޑު ހަތް ފަހަރު ކާމިޔާބު ކޮށްފައިވާ މިސްރުން މިރޭ ކެމަރޫން ޔޮންޑާ ސްޓޭޑިއަމްގައި ކުޅުނު މެޗު ކާމިޔާބުކުރީ 2-1 ގެ ހަނި ނަތީޖާއަކުންނެވެ. މެޗުގައި މޮރޮކޯއިން ފުރަތަމަ ލީޑު ނެގި ނަމަވެސް މިސްރުން ވަނީ ނަތީޖާ އަނބުރާލައިފައެވެ. މެޗު އިތުރު ވަގުތަށް ގޮސްފައިވާ އިރު، ފުރިހަމަ ވަގުތުގެ ކުޅުން ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
މެޗުގެ ނަތީޖާ މިސްރުން އަނބުރާލުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރީ ލިވަޕޫލްގެ ފޯވަޑް، މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހެވެ. ސަލާހު ވަނީ އެއްވަރުކުރި ގޯލު ޖަހައި، އިތުރު ވަގުތު މިސްރުން މޮޅުވާން ޖެހި ގޯލަށް އެސިސްޓް ކޮށްދީފައެވެ. މިސްރުން ގަދަ 16 ގައި އައިވޮރީ ކޯސްޓު ބަލިކޮށް ކުއާޓާއަށް ދިޔަ އިރު، އެ މެޗުގައި މޮޅުވި ޕެނަލްޓީވެސް ޖަހައިދިނީ ސަލާހެވެ.
ދެހާސް ސަތާރަ ވަނަ އަހަރަށްފަހު މިސްރުން ފުރަތަމަ ފަހަރަށް އެފްކޯންގެ ސެމީއަށް ދަތުރު ކޮށްފައިވާ އިރު، މޮރޮކޯއަށް މިއީ އަނެއްކާވެސް ބޮޑު ފެއިލިއާ އެކެވެ. އެޓީމުން ތަރިންނާއެކު މިފަހަރުގެ އެފްކޯންއަށް ދިޔައީ 1976 ވަނަ އަހަރުގެ ކާމިޔާބީ ތަކުރާރު ކުރުމަށް ނަމަވެސް މުބާރާތުން އަލްވަދާއު ކިޔަން ޖެހުނީ ކުއާޓާއާ ހަމައިންނެވެ. 1976 ވަނަ އަހަރުގެ އެފްކޯންއަކީ މޮރޮކޯއިން މިހާތަނަށް ކާމިޔާބުކުރި ހަމައެކަނި އެފްކޯންއެވެ.
މިރޭގެ މެޗު ފެށިގެން ފުރަތަމަ ހާފުގައި ނުރައްކާ ކުރީ މޮރޮކޯއިންނެވެ. އެ ދެޓީމުގެ ދެ ހަމަލާއެއް މިސްރުގެ ގޯލްކީޕަރު މަތަކޮށްފައިވާ އިރު، ލީޑު ނެގީ ލިބުނު ޕެނަލްޓީއެއްގައެވެ. މެޗުގެ ކުރީކޮޅުގައި މިސްރުގެ އައިމަން އަޝްރަފު، މޮރޮކޯގެ އަޝްރަފު ހަކީމީއަށް ކުރި ފައުލަށް ދިން ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ސޮފިއާން ބޯފަލްއެވެ.
ފުރަތަމަ ހާފުގައި މޮރޮކޯއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ދެވަނަ ހާފު ފެށިގެން މިސްރުން ކުޅުން ރަނގަޅުކޮށް، ހަމަލާތައް އުފައްދަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ލިބުނު ކޯނަރުގައި ސަލާހު ވަނީ މިސްރަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މެޗު އިތުރު ވަގުތަށް ގޮސް، މިސްރުން މެޗުގެ ނަތީޖާ އަނބުރައިލީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައެވެ. އަރިމަތިން ޑިފެންޑަރު ނައްޓާލައި، ނަގައިދިން ހުރަސް ގޯލަށް ވައްދައިލީ ބަދަލަކަށް ނުކުތް ޓްރެޒެގޭއެވެ. މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މޮރޮކޯ ގޯލްކީޕަރު ކޯނަރަކަށް ކުރިއަށް ޖެހި ހުއްޓައި ސަލާހަށް ކުރިއަށް ޖެހި ހުސް ފުރުސަތެއް ފަހި ވި ނަމަވެސް، އެ ހަމަލާ މިސްރަށް ކާމިޔާބެއް ނުވިއެވެ.
މިސްރުން ސެމީގައި ވާދަކުރަން ޖެހޭނީ ކެމަރޫނާ ދެކޮޅަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު