ފުޓްބޯޅަ

ގްރީން ބަލިކޮށް، ދަ ގްރޭންޑޭ އިން އުންމީދު ދަމަހައްޓައިފި

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން މުބާރާތުގެ ސެމީ ފައިނަލަށް އުންމީދު ދަމަހައްޓައިފިއެވެ.

ގައުމީ ދަނޑުގައި މިއަދު ކުޅުނު ގްރޫޕް އޭގެ މެޗު ދަ ގްރާންޑޭއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މިއަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ އިރު، ގްރޫޕް އޭގައި ހިމެނެނީ ފަސް ޓީމެކެވެ. އަދި ގްރޫޕް ބީގައި ވާދަކުރަނީ ހަތަރު ޓީމެކެވެ. ގްރޫޕް އޭގައި ދަ ގްރާންޑޭއާއި ގްރީންގެ އިތުރުން ދެން ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު އީގަލްސް އަދި ސުޕަ ޔުނައިޓެޑް (ސަސް) އެވެ.

ގްރޫޕް ބީގައި ހިމެނެނީ ޓީސީ ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބު އަދި ޔުނައިޓެޑް ވިކްޓަރީއާއި ކްލަބު ވެލެންސިއާއެވެ. ގްރޫޕް ބީ އިން ޓީސީ ސެމީ ޔަގީންކޮށްފައިވާ އިރު، ގްރޫޕް އޭ އިން ސެމީއަށް ދިއުމުގެ އެންމެ ބޮޑު އުންމީދެއް އޮތީ ކްލަބު އީގަލްސްއަށެވެ.

މިއަދުގެ މެޗަށް ނުކުތް އިރު، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ދަ ގްރާންޑޭ އޮތީ އީގަލްސް އަތުން ބަލިވެފައެވެ. އަނެއްކޮޅުން 2018 ވަނަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގްރީން ސްޓްރީޓްސްއަށް އޮތީ މާޒިޔާ އަތުން ބަލިވެ، މެޗުން މޮޅެއް ހޯދަން މަޖުބޫރު ވެފައެވެ.

ގްރޫޕް އޭގެ އެއްވަނައިގައި އީގަލްސް އޮތީ ކުޅުނު ދެ މެޗުން މޮޅުވެގެން ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް މާޒިޔާ އާއި ތިންވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ހަތަރު ވަނައިގައި އޮތް ދަ ގްރާންޑޭއަށް މިހާރު ތިން ޕޮއިންޓް ލިބިފައިވާ އިރު، އޭގެ ތެރެއިން ކޮންމެ ޓީމަކުންވެސް ވަނީ ދެ މެޗު ކުޅެފައެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ ކުރީކޮޅުގައި ދަ ގްރާންޑޭއަށް ލީޑު ނަގަން ޕެނަލްޓީއެއް ލިބުނެވެ. އެހެން ނަމަވެސް މުހައްމަދު ލަޔާން އަހުމަދު ޖެހި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. ޕެނަލްޓީ ނާކާމިޔާބުވި ނަމަވެސް ދަ ގްރާންޑޭން ހާފު ނިންމާލީ ލީޑު ނަގައި، ލީޑު ފުޅާވެސް ކޮށްގެންނެވެ. މެޗުގެ 38 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ ޝިމަން އަބްދުލް ޝަކޫރެވެ. އަދި މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ދަ ގްރާންޑޭގެ ލީޑު ފުޅާކޮށްދިނީ މުހައްމަދު ރިމްހާން ގާސިމްއެވެ.

މެޗުގައި ގްރީން ސްޓްރީޓްސް އިން ޖެހި ގޯލަކީ މެޗުގެ 69 ވަނަ މިނެޓުގައި ދަ ގްރާންޑޭގެ ކީޕަރު ނައްފާޒް ސައުދަށް ހެދުނު ގޯހަކުން ޖެހި ގޯލެކެވެ. ކީޕަރު ކުރިއަށް ޖެހި ބޯޅަ ސަލާމަތް ކުރަން އުޅެނިކޮށް ލައްވައި ނުލައި ދިއުމުން ގްރީންގެ ގޯލު ޖަހައިދިނީ މުހައްމަދު އައިހަމްއެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މިރޭ 8:30 ގައި އޮންނަ މެޗުގައި މާޒިޔާ ކުޅޭނީ އީގަލްސްއާ ދެކޮޅަށެވެ.