ށ. ކޮމަންޑޫއާއި އެރަށާ އެއް ފަޅެއްގައި އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު (މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއު)ގެ ދަށުން މަތިކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް މިރޭ ފަށާނެ ކަމަށް އެ މަސައްކަތްކުރާ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކުމަށް ބޭނުންވާ ވެލި ނެގުމުގެ ހުއްދަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ލިބިފައިވާ ކަމަށާއި ބިން ހިއްކަން ފެށުމަށް މަހާ ޖައްރާފަށް ވެލި ބަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި ބިން ހިއްކަން ފަށާނެ ކަމަށް ބުންޏެވެ.

ދެ ކޮމަންޑޫ ގުޅާލުމަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެ މަޝްރޫއު ހަވާލުކުރީ 249.9 މިލިއަން ރުފިޔާއަށް 730 ދުވަސްތެރޭ ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

އެ މަޝްރޫއުގެ ދަށުން ކޮމަންޑޫގައި 1،690 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރާނެއެވެ. އޭގެ އިތުރުން މަތިކޮމަންޑޫން 16.7 ހެކްޓަރުގެ ބިން ހިއްކައި 1،520 މީޓަރުގެ ބޮޑުހިލައިގެ ފައިކަނި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮއްޓެއް ގާއިމުކުރާނެއެވެ.

ދެ ކޮމަންޑޫ ގުޅާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެމަނިކުފާނު، އެ މަޝްރޫއު އިއުލާނުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓު، އިބްރާހިމް ރާޝިދު (ރާޑޯ)ގެ ކެމްޕެއިން އިފްތިތާހުކުރަން މިމަހުގެ ހަތްވަނަ ދުވަހު ކޮމަންޑުއަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައެވެ.