ބިސްގަނޑެން އަޅައިދޭން ބުނުމުން ހިނގި ދެބަސް ވުމެއްގައި، އދ. އެއްލައިދޫ ރިސޯޓްގައި މާރާމާރީއެއް ހިންގައި މީހަކު މަރާލި މައްސަލައިގެ އަޑުއެހުމެއް ކުމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މިއީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ރޭ އެ ރިސޯޓްގެ ކައްކާއަކަށް އުޅުނު ލަންކާ ރައްޔިތެއް ކަމަށްވާ ޕަތުމް ދިލްޝަންގެ ކައިރީގައި ބިސްގަނޑެއް އަޅައިދިނުމަށް އެ ރިސޯޓުގައި މަސައްކަތްކުރާ ހަމަ އެ ގައުމުގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ އެދުމުން ހިނގި ދެބަސްވުމެއް މާރާމާރީއަކަށް ބަދަލުވެގެން ގޮސް ވަޅިއަކުން ޕަތުމް އަށް ހަމަލާދީ މަރާލާފައިވާތީ ކުރާ ދައުވާ އެކެވެ.

މި މައްސަލަައިގައި ޖަޔަލަތުއަށް ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ އެ މާރާމާރީގައި ޕަތުމް މަރާލީ، ހައެއްކަ އިންޗީގެ ވަޅިއެއް އޭނާގެ ކަރުން ތިރިއަށް މޭމައްޗަށް ހަރާލައިގެން ކަމަށެވެ. އެ ހަމަލާއާ ގުޅިގެން ޕަތުމް މަރުވީ އެއްލައިދޫ ރިސޯޓުގެ ކްލިނިކު ތެރޭގައި ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި ގަސްތުގައި މީހަކު މެރުމުގެ ދައުވާ ޖަޔަލަތުގެ މައްޗަށް ދައުލަތުން ވަނީ ކޮށްފައެވެ.

މިހާދިސާއާ ގުޅިގެން ޖަޔަލަތު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހަން އދ. މަހިބަދޫ ކޯޓަށް ގެންދިޔުމުން އޭނާގެ އަތުން ޕަތުމް މަރުވި ކަމަށް އިއުތިރާފުވިއެވެ. އަދި ފުލުހުންނަށްވެސް އިއުތިރާފު ބަޔާނެއް ދިނެވެ.

ނަމަވެސް އެންމެ ފަހުން ބޭއްވި މި މައްސަލައިގެ އަޑުއެހުމުގެ އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

މި މައްސަލައިގެ މިއަދުގެ އަޑު އެހުމުގައި އޮތީ މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށްގެންދާނެ ގޮތުގެ ތައާވަލެއް ކަނޑައެޅުމެވެ.

މީގެކުރިން ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ޖަޔަލަތާ ދެކޮޅަށް ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ކިތާބީ އަދި ޝަފަވީ ހެކި ހިމެނޭއިރު، ހާދިސާ ހިނގައި ދިޔަ ތަނުގައި ތިބި އެއްލައިދޫ ރިސޯޓުގެ އެހެން މުވައްޒަފުންވެސް އޭގެ ތެރޭގައި ހިމެނެއެވެ.