މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ވީއައިޕީ ލައުންޖުން ހިދުމަތް ދިނުމަށް މިދިޔަ ތިން އަހަރު ތެރޭ ދައުލަތުން 1.6 މިލިއަން ރުފިޔަ ހަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.

މަޖިލީހުން ވީއައިޕީއަށް ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލުވެސް ހޯދި ސޯޝަލް އެކްޓިވިސްޓް އައިމަން ލަތީފު ވަނީ, ވަކިވަކި މެންބަރުންގެ ވީއައިޕީއަށް މަޖިލީހުން ކުރި ހަރަދުތަކުގެ ތަފުސީލު މަޖިލީހުން ހޯދައި އެ މައުލޫމާތު މިއަދު އާންމުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އުސޫލު އޮންނަ ގޮތުން, މެންބަރުންނާއި އެ މެންބަރެއްގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނަށާއި ރައްޓެހިންނާއި އާއިލާއަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން ހިދުމަތް ލިބޭނެއެވެ. އަދި ވީއައިޕީގެ ހިދުމަތަށް ކޮންމެ ފަހަރަކު ބޮލަކަށް 60 ޑޮލަރު (925 ދިވެހި ރުފިޔާ) ނަގާއިރު, މެންބަރުން ވީއައިޕީ ލައުންޖުން ދޭ ހިދުމަތަށް އެއާޕޯޓުން ބިލު ކުރާނީ ސީދާ މަޖިލީހަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވި ގޮތުގައި, މެންބަރުން އެދިއްޖެ ނަމަ, އެ މެންބަރަކާއެކު ދަތުރު ކުރާ މީހަކަށް ވީއައިޕީ ލައުންޖުން ނަގާ ރޭޓުން އަމިއްލައަށް ހަރަދު ކުރާ ގޮތަށްވެސް ވީއައިޕީ ބޭނުންކުރުމުގެ އިންތިޒާމު މަޖިލިސް އިދާރާއިން މިހާރުވެސް ހަމަޖައްސަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ފައިސާގެ މުއާމަލާތްތައްވެސް ނިންމާނީ, އެއާޕޯޓުން ބިލު ކުރުމުން ކަމަށްވެސް ބުންޏެވެ.

އައިމަން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން, 2019 އިން 2021ގެ ނިޔަލަށް މެންބަރުންނާއި މެންބަރުންގެ އާއިލާ އަދި ރައްޓެހިންނަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން ހިދުމަތް ދިނުމަށް ޖުމުލަ 104,400 ޑޮލަރު (1.6 މިލިއަން ދިވެހި ރުފިޔާ) ހަރަދުކޮށްފައިވެއެވެ.

އޭގެ ތެރެއިން މެންބަރުންނަށް 804 ފަހަރު ވީއައިޕީ ލައުންޖުން ހިދުމަތް ދީފައިވާ އިރު, އަނބި/ ފިރިން އަދި ދަރިންނަށް 495 ފަހަރު ހިދުމަތް ދީފައިވެއެވެ. އާއިލާ ރައްޓެހިންނަށް ހިދުމަތް ދީފައިވަނީ 441 ފަހަރެވެ.

ވަކިވަކި މެމްބަރުން ވީއައިޕީ ހިދުމަތް ބޭނުންކުރި އަދަދަށް ބަލާއިރު، އެންމެ ގިނަ މޫވްމަންޓްސް ހުރީ މެމްބަރު ނާޒިމްގެ ނަމުގައެވެ. ލިސްޓުގެ ދެވަނައިގައި ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމް މެންބަރު ގައްސާން މައުމޫނެވެ. އަދި ތިން ވަނައިގައި ހިމެނިވަޑައިގަންނަވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.