ދިވެހިންނަށް ވިސާ ނެތި ތުރުކީވިލާތަށް ދަތުރުކުރެވޭނެ އެއްބަސްވުމެއް ގާއިމުކުރަން ދެގައުމުން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝާހިދު އެކަން އިއުލާން ކުރެއްވީ، އެމަނިކުފާނުގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި ތުރުކީވިލާތުގެ ހާރިޖީ ވަޒީރު މެވްލޫތު ޝަވްޝަގްލޫއާއެކު މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
ޝާހިދު ވިދާޅުވީ މިހާރުވެސް ދިވެހީންނަށް ތުރުކީއަށް ދަތުރުކުރުމަށް އީ-ވިސާ ނެގޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި އޭގެ ބަދަލުގައި ވިސާ-ފްރީ އެއްބަސްވުމެއް އެކުލަވައިލުމަށް ތުރުކީވިލާތަށް ހުށަހެޅުއްވި ކަމަށެވެ. އަދި އެކަމަށް ތުރުކީވިލާތުގެ ސަރުކާރުން އެއްބަސްވެ، ވިސާ ނެތި ދިވެހިންނަށް ތުރުކީވިލާތަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ތުރުކީއާއި ރާއްޖެއާ ދެމެދު މިއަދު ރަސްމީ މަޝްވަރާތައް ބޭއްވުމަށްފަހު ދެގައުމުގެ ދެމެދު ވަނީ ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނެނީ ދެގައުމުގެ ދެމެދު ފޮރިން ސާވިސް އިތުރަށް ހަރުދަނާކުރުމާ ގުޅޭ އެއްބަސްވުމަކާއި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ އެއްބަސްވުމަކާއި ދަނޑުވެރިކަން ފުޅާކޮށް ތަރައްގީކުރުމާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއް އަދި ސަގާފަތާއި ތަރިކައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު