ޚަބަރު

ރާއްޖެ އާއި ތުރުކީގެ ގުޅުން ބަދަހިކުރުމާ ބެހޭ ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެއާއި ތުރުކީގެ ގުޅުން ބަދަހި ކުރުމުގެ ފަސް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ދެގައުމުގެ މެދުގައި ކުރިއަށްދާ ރަސްމީ މަޝްވަރާތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ތުރުކީގެ ފޮރިން މިނިސްޓަރު މެވްލޫތު ޝަވްޝޮލޫ އާއެކު ސަރުކާރުގެ ގިނަ ވަޒީރުން ހިމެނިވަޑައިގަންނަވާ ގޮތަށް ފޮރިން މިނިސްޓްރީގައި މިއަދު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ސޮއިކުރި ފުރަތަމަ އެއްބަސްވުމަކީ ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓާއި ތުރުކީގެ ޑިޕްލޮމަސީ އެކަޑަމީއާއެކު ގުޅުން ބަދަހިކޮށް ޕްރޮފެޝަނަލް ފޮރިން ސާވިސް ކެޑާއެއް ގާއިމުކުރުމާ ބެހޭ އެއްބަސްވުމެވެ.

އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދުއެވެ. މި އެއްބަސްވުމުގެ ދަށުން ހާރިޖީ ދާއިރާގާ މީހުން ބިނާ ކުރުމަށާއި ހާރިޖީ ދާއިރާގެ ތައުލީމީ ފްރޮގްރާމްތައް އިތުރުކުރެވޭނެއެވެ. އަދި ތުރުކީ ސަރުކާރުގެ އެހީގައި ދިވެހި ހާރިޖިއްޔާގައި ޕްރޮފެޝަނަލް ހިދުމަތްދެވޭ ފެންވަރުގެ މުވައްޒަފުން ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ތުރުކީ އާއި ރާއްޖެއާ ދެމެދު ދެން ވެވުނު އެއްބަސްވުމަކީ ވިޔަފާރީގެ ދާއިރާއިން އިތުރަށް ގުޅުން ހަރުދަނާ ކުރުމާބެހޭ އެއްބަސްވުމުކެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ. މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން އެގްޒިބިޝަންތަކާއި ފެއާތައް އިތުރުކުރުމަށް މަސައްކަތްކުރުމުށް ވަނީ ހަމަޖެހިފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ އިގްތިސޯދީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ވަޒީރުންގެ ފެންވަރުގެ ޖޮއިންޓް އިކޮނޮމިކް ކޮމިޝަނެއް އެކުލަވައިލުމަށް ވަނީ ހަމަޖެހިފައެވެ.

ތިންވަނަ އެއްބަސްވުމަކަށް ދެގައުމުގެ މެދުގައި ވެވުނީ ރާއްޖޭގެ ސަގާފަތާއި ތަރިކަ އިތުރަށް ހިމާޔަތްކޮށް އެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުމެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އޮފް ސްޓޭޓް މުހައްމަދު ތޯރިގުއެވެ. މި އެއްބަސްވުމުގެ ދަށުން ތުރުކީ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގެ ސަގާފަތް ދިރުވައި އާލާކޮށް ރާއްޖޭގެ ތަރިކަ ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ކުރުމަށް މަސައްކަތްކުރެވިގެންދާނެއެވެ. މީގެ އިތުރުން ރާއްޖޭގެ އުފެއްދުންތަކާއި ދިވެހީންގެ މަސައްކަތް ތުރުކީގެ ބާޒާރަށް ތައާރަފުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި ހަމައެއާއެކު މިޔުޒިކާއި ވިޝުއަލް އާޓްސް އަދި ޕަރފޯމިން އާޓްސް ފަދަ ފަންނުވެރިކަމުގެ ދާއިރާތައް ކުރިއެރުމަށް ތުރުކީވިލާތުގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ތިމާވެށީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމާއި ބެހޭ އެއްބަސްވުމެއްގައިވެސް ދެގައުމުން ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ތިމާވެއްޓާއި ބެހޭ ވަޒީރު އާމިނަތު ޝައުނާ އެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ކުނި ނައްތާލުމުގެ ނިޒާމު ހަރުދަނާކުރުމާއި، ރާއްޖޭގައި އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއާ ބެހޭ ގޮތުން ދެ ގައުމުގެ މެދުގައި ވެވުނު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ޑރ ހުސެން ރަޝީދު ހަސަން އެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނު ދެވި، ހުނަރު ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދަނޑުވެރިކަމުގެ ވިޔަފާރި ރާއްޖޭގައި އިތުރަށް ފުޅާކުރުމަށް މި އެއްބަސްވުމުގެ ތެރެއިން ފުރުސަތު ލިބިގެން ދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.